ތަރައްްޤީ

މައިލޯ ކަލާރސް އެވޯޑް މިއަހަރު 130 ދަރިވަރަކަށް ލިބިއްޖެ


މައިލޯ ކަލާރސް އެވޯޑް މިއަހަރު 130 ދަރިވަރަކަށް ލިބިއްޖެއެވެ.

ކުޅިވަރުގެ ރޮނގުން ރަން ވަނަ ހާސިލްކުރާ ސްކޫލް ދަރިވަރުންނަށް ޤައުމީ ފެންވަރުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް "މައިލޯ ކަލާރސް އެވޯޑް" މިފަހަރު ދީފައިވަނީ މުބާރާތްތައް ކާމިޔާބުކުރި 64 ދަރިވަރަކަށާ ރަނަރަޕްކަން ހޯދި 57 ދަރިވަރަކަށެވެ. އަދި 9 ދަރިވަރަކު ވަނީ ސްޕެޝަލް އެވޯޑް ހޯދާފައެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަތޮޅުތަކާއި މާލޭގެ ސްކޫލްތަކުގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ކުޅިވަރުގެ ރޮނގުން ފާހަގަކުރެވޭ މޮޅު ހުނަރު ހުރި ދަރިވަރުންނަށް ސަރުކާރުން ދޭ ސްޕޯޓްސް ސްކޮލަރޝިޕް 11 ދަރިވަރަކަށް ދީފައިވެއެވެ. މި 11 ދަރިވަރުންނާއެކު ސަރުކާރުން ވަނީ މިހާތަނަށް 13 ދަރިވަރަކަށް ސްޕޯޓްސް ސްކޮލަރޝިޕް ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިޙާމް ދެއްކެވި ވާހަކަފުޅުގައި، މި އެވޯޑް ދޭން ފެށުމުން ސްކޫލް ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ފެންވަރު ރަނގަޅުވެ މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވެގެން ދާކަން ފާޙަގަކުރެއްވިއެވެ.