ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:10 އިން މެންދުރު 1:00 އާ ހަމައަށެވެ. ސަމާލު ނެރެފައިވަނީ ބާރަށް ގުގުރާނެކަމަށް ލަފާ ކުރެވޭތީ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ބާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކުރައްވާފައެވެ. މިއީ 2 މޫސުން ބެދޭތީ ކުރާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
Yellow Alert for moderate thunderstorms. pic.twitter.com/0yAPCdE1JG
— Maldives Meteorology (@MetMaldives) May 4, 2026
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މެޓް އޮފީހުން ވިދާޅުވީ މިމަހުގެ އެކި ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ވާރޭ ވެހޭ ވަގުތުގައި ވާރޭ ވެހޭ މިންވަރު އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވިދާޅުވީ ޖޫންއިން ސެޕްޓެންބަރުގެ ނިޔަލަށް ލަފާކުރެވޭގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވާރޭވެހޭ މިންވަރު އާންމުކޮށް މި ދުވަސްވަރު ވެހޭވާރޭއަށްވުރެ އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ހުރިހާ ސަރަހައްދެއްގައިވެސް ފިނިހޫނުމިން އާންމުކޮށް ހުންނަވަރަށްވުރެ މަތިވާނެކަމަށް ބެލެވޭކަމަށެވެ.