ޚަބަރު

ޓޮޓްނަމް މޮޅުވެ ރެލިގޭޝަނާއި ދުރަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެލިގޭޝަން ޒޯނުން ސަލާމަތްވެއްޖެ އެވެ.

މި މެޗުން މޮޅުވެ ޓޮޓްނަމް އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން ޖުމްލަ 37 ޕޮއިންޓާއެކު ތާވަލުގެ 17 ވަނަ މަގާމް ލިބިފަ އެވެ. ނަމަވެސް ކުރިއަށް އޮތް ތިން މެޗުން ވެސްޓްހޭމް ޔުނައިޓެޑް މޮޅުވެ ޓޮޓްނަމް މެޗަކުން ބަލިވެ ނުވަތަ އެއްވަރުވެއްޖެނަމަ އެ ޓީމަށް ރެލިގޭޝަނާއި ކުރިމަތިލާން ޖެހޭނެ އެވެ.

އެސްޓަން ވިލާގެ ވިލާ ޕާކުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ޓޮޓްނަމްގެ ކޮނޯ ގަލެގަރ ވަނީ ލަނޑެއް ޖަހާ ޓޮޓްނަމް އަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 25 ވަނަ މިނިޓުގައި ރިޗަލިސަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި އެސްޓަން ވިލާއިން ޖެހި ލަނޑަކީ މެޗުގެ އިންޖަރީ ވަގުތުގެ ހަވަނަ މިނިޓުގައި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މެޗަށް އެސްޓަން ވިލާ ނިކުތްއިރު އެ ޓީމުގެ ކޯޗު އުނެއި އެމެރީ ވަނީ މި ހަފްތާގައި އެ ޓީމު ކުޅެން ޖެހޭ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް މުހިންމު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ހަތް ބަދަލެއް ގެނެސްފަ އެވެ.

އެސްޓަން ވިލާ މި މެޗުން ބަލިވި ނަމަވެސް އެ ޓީމަށް ލިބިފައިވާ 58 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނަ މަގާމުގަ އެވެ.