އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
އާސެނަލް މި މެޗުން މޮޅުވެފައިވާއިރު އެ ޓީމުން ވަނީ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށްވުރެ އިތުރަށް ދެ މެޗު ކުޅެފަ އެވެ.
ޕްރިމިއާ ލީގުގައި ޖުމްލަ 38 މެޗު ކުޅޭއިރު އާސެނަލް އިން މިހާތަނަށް ކުޅެފައިވާ 35 މެޗުން އެ ޓީމަށް ވަނީ 76 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 33 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ފުލަމް އަށް 35 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އާސެނަލް އިން ޖެހި ތިން ލަނޑަކީވެސް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ޖަހާފައިވާ ލަނޑުތަކެވެ.
އާސެނަލް އިން މި މެޗުގައި ފުލަމްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 9 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ދިން ޕާހަކުން ވިކްޓޯ ޔޯކެރެޝް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 40 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ކާމިޔާބުކޮށްދީފައިވާއިރު ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ޔޯކެރެޝް ވަނީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ޔޯކެރެޝް ޖެހި ދެ ލަނޑާއެކު އޭނާ މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދުވަނީ 21 އަށް އަރާފަ އެވެ.
އާސެނަލް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް އަމިއްލަ ދަނޑުގަ އެވެ.