ޚަބަރު

ރާއްޖެ-ލަންކާ: އަބަދުވެސް އޮތީ ގާތް ގުޅުމެއް


  • ދެ ޤައުމުގެ ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965

  • ތަޢުލީމީ، ޞިއްޙީ، އަދި ޑިފެންސް ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހި

  • ދެ ޤައުމުންވެސް އެއްގައުމުގެ އަނެއްގައުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ

ދިވެހިރާއްޖެއާއި ލަންކާއަކީ ސަރަޙައްދީ ގޮތުންނާއި ސަގާފީ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. ޚާއްޞަކޮށް ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ލަންކާއަކީ ދިވެހިންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.

ރާއްޖެއާއި ލަންކާގެ ގުޅުމުގެ ތެރެއިން މިދިޔަ އަހަރުގެ ޖުލައި މަހު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ވަނީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި މިދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމަށްވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ޤާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކާނާގެ ރައްކާތެރިކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ވައިގެ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން މިދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދު ޤާނޫނީ ގޮތުން އެއްބާރުލުންދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އަދި ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމު އެއްބަސްވުމުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. މި ދަތުރުފުޅުގައި ލަންކާގެ ރައީސް ވަނީ ރާއްޖޭގެ ސަރުކާރުގެ ވަޒީރުންނާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އެ ޤައުމުގައި މަސްވެރިކަމާއި، ޢުމްރާނީ ތަރައްޤީއާއި އައިސީޓީގެ ދާއިރާ ފަދަ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް ދިވެހި ވިޔަފާރިވެރިންނަށް އެދާއިރާތަކުން އިންވެސްޓް ކުރުމަށް ދައުވަތު އަރުވާފައިވެއެވެ.

މީގެއިތުރުން ސްރީލަންކާގައި އިންވެސްޓް ކުރުމުގެ ފަހި ފުރުޞަތު ރާއްޖޭގެ ވިޔަފާރިތަކަށް އެބައޮތްކަަމަށް ޖޮއިންޓް ޕްރެސްގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެވަނީ ވިދާޅުވެފައެވެ.

މިދިޔަ ޑިސެމްންބަރު މަހު ލަންކާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ޙާދިސާގައިވެސް އެންމެ ފުރަތަމަ އިޖާބަދީ، އެންމެ ބޮޑު އެހީތެރިކަމެއް އެ ޤައުމަށް ފޯރުކޮށްދިން އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. ދިވެހިރާއްޖެއަކީ އެންމެ ބޮޑު އެހީތެރިކަމެއް ދިން ޤައުމުގެ ގޮތުގައި އެ ޤައުމުގެ ރަސްމީ ނޫސްތަކުގައިވެސްވަނީ ރިޕޯޓްކޮށްފައެވެ. 2.4 މިލިޔަން ޑޮލަރު (37 މިލިޔަން ރުފިޔާ) ދިވެހިންގެ ފަރާތުން ލަންކާގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދީފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން 50،000 ޑޮލަރާއި، 25،000 މަސް ދަޅު ކޭސް ހަދިޔާކޮށްފައިވެއެވެ.

ދިވެހި ރާއްޖެއިން ވެދިން އެހީތެރިކަން ލަންކާގެ ސަރުކާރާއި ރައްޔިތުން ވަނީ ނުހަނު އުފަލާއެކު ބަލައިގެންފައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުއެވެ. އަދި މިއަހަރަކީ މި ގުޅުމަށް 61 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.

ދިވެހިން އެންމެ ފަޚުރުވެރިކަމާއެކު ފާހަގަކުރާ އެއް ދުވަސް ކަމަށްވާ މިނިވަން ދުވަހާވެސް ލަންކާ ވަނީ ގުޅިފައެވެ. 26 ޖުލައި 1965 ގައި އިނގިރޭސިވިލާތުގެ ހިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނުއިރު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ސްރީލަންކާގައެވެ.

ލައްކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޤައުމެކެވެ. އަދި މަތީ ތަޢުލީމު ހާސިލުކުރުމަށާއި ޞިއްޙީ އެކި ބޭނުންތަކަށް އެޤައުމަށް ދަތުރު ކުރާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ބޭރު ޤައުމުތަކުގެ ތެރެއިން ލަންކާއަކީ ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާގެ ޚިދުމަތްވެސް ފޯރުކޮށްދޭ ޤައުމެކެވެ. ލަންކާއަކީ އަދި ތަޢުލީމީ އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެވެސް މުހިންމު ބައިވެރިއެކެވެ. އަދި ޑިފެންސްގެ ދާއިރާއިންވެސް ދެ ޤައުމުން ގުޅިގެން މުހިންމު މަސައްކަތްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. ރާއްޖޭގެ އިޤްތިޞާދުގައިވެސް ލަންކާއަކީ މުހިންމު ބައިވެރިއެކެވެ. އެގޮތުން އެ ޤައުމުން ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ސާމާނު ރާއްޖެއަށް އެތެރެކުރެއެވެ

ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކުރުމަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާވެސް މިދިޔަ އަހަރުގެ ޖުލައިގައި ވަނީ ދޭންފަށާފައެވެ.

ރާއްޖެއިން ހޯދާ ސިއްޙީ ފަރުވާއާއި ތަޢުލީމީ ފުރުޞަތުތަކާއި އަދި ވިޔަފާރިއާއި ފަތުވެރިންގެ ގޮތުގައިވެސް ލަންކާއަށް ގިނަ ޢަދަދެއްގެ ދިވެހިން ދަތުރުކުރުމަކީ ލަންކާގެ އިޤްތިޞާދަށްވެސް އޭގެ ފައިދާ ކުރަމުންދާ ކަމެކެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމުގެ މައްޗަށް އުފެދިފައި އޮތް ގުޅުމެކެވެ. އަދި އެއް ރައްޔިތެއް އަނެއް ރައްޔިތެއްގެ މެދުގައި އުފެދިފައިވާ އަޚުވަންތަކަމުގެ ނަމޫނާ ގުޅުމެވެ.