ފުލުހުން ޖިނާޢީ ތަހުޤީޤެއް ކުރުމަށް ކުރާ މަސައްކަތަކީ، ނޫސްވެރިކަމަށް ދެވޭ ހަމާލާއެއް ނޫން ކަމަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެއްވެސް ހެއްކެއް ނެތި ތުހުމަތުތަކެއްކޮށް ރާއްޖޭގެ އޮންލައިން ނޫހަކުން ނެރުނު ޑޮކިއުމެންޓަރީ މައްސަލަ ފުލުހުން ބަލަމުން ދިއުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ޤަޒުފުގެ ތުހުމަތުކޮށް ރާއްޖޭގެ އޮންލައިން ނޫހަކުން ހަދާފައިވާ ޑޮކިއުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށް، އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި ދައުވާކުރުމަށް ފިޔަވަޅު އަޅައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. މިއާއެކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ޑޮކިއުމެންޓަރީ ތައްޔާރު ކުރި އޮންލައިން ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައެވެ.
މިމައްސަލައިގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ދޮގު ތުހުމަތުތަކެއް ފެތުރި ނޫސް އިދާރާއެއްގެ މައި އޮފީސް ފާސްކުކޮށް ޖިނާއީ ކަމެއްގެ ގޮތުގައި ތަޙުޤީޤު ކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެންވާ ފުރިހަމަ ޙައްޤެއް ކަމަށެވެ. އަދި އެއީ އެ މުއައްސަސާގެ ވާޖިބެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޤާނޫނު އަސާސީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު، މިއީ އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައިވާ މިނިވަންކަމެއް ނޫންކަން ވަޒީރު އިޙްސާން ފާހަގަކުރެއްވިއެވެ. އަދި ވަކި ހުދޫދެއް ނެތި، މީހެއްގެ ޢިއްޒަތާއި އަބުރަށް އުނިކަން އަންނަ ފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
Maldives Police are right to investigate & raid the news outlet over false “Zina” allegations against the President. Press freedom is guaranteed, but not a free pass to destroy reputations with lies. Constitution of Maldives:
— Minister of Homeland Security, Labour & Technology (@min_mohst) April 28, 2026
• Art 27: Freedom of expression (not contrary to…
ވަޒީރު އިޙްސާން ވަނީ، ރައީސުލްޖުމްހޫރިއްޔާއާ މެދު "ޒިނޭ" ފަދަ ބޮޑު ތުހުމަތެއް އެއްވެސް ހެއްކެއް ނެތް ގޮތުގައި ކުރުމަކީ "ނޫސްވެރިކަން" ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި، ޢާއިލާއަށާއި، އަދި އެމަނިކުފާނު ފުރުއްވާ މަޤާމުގެ ހައިބަތަށް ދެވޭ ސީދާ ޙަމަލާއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މިފަދަ އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ފިތުނަ ފަސާދަ އުފެދުމުގެ ފުރުޞަތު އޮންނަކަން ފާހަގަކުރާއްވާ ދާޚީލީ ވަޒީރު ވިދާޅުވީ ޤާނޫނީ ސިޔާދަތު އޮންނަ ކޮންމެ މުޖުތަމަޢެއްގައިވެސް، އަބުރު ކަތިލުމާއި ދޮގު މަޢުލޫމާތު ފެތުރުން ފަދަ ޖިނާއީ ކުށްތައް ތަޙުޤީޤު ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބޭ ކަމަށެވެ.
ނޫހެއްގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަމުންދާއިރު، ފުލުހުން ކުރަމުންދާ މަސައްކަތަކީ ނޫސްވެރިކަމަށް ދޭ ޙަމަލާއެއް ނޫން ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި މިއީ އާންމު ރައްޔިތެއް ނުވަތަ މިހާލަތުގައި ޤައުމުގެ އެންމެ މަތީ ވެރިޔާގެ އަބުރު ރައްކާތެރިކުރުމަށް ޤާނޫނުއަސާސީން ލާޒިމްކުރާ ކަންކަން ތަންފީޒު ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ އެއްޗެއްކަން ކަށަވަރުކުރުމަށް ކުރަމުންދާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ ހަޤީޤީ ނޫސްވެރިކަމުގެ މިނިވަންކަން ދެމިއޮންނާނީ ޒިންމާދާރުކަމާއެކު، އެއްވެސް ފަރާތެއް، އަދި ނޫސް އިދާރާއެއްވެސް ޤާނޫނަށްވުރެ މަތިން ނޯވެ ކަމަށާއި ދިވެހި ރައްޔިތުން ބޭނުންވަނީ އަބުރު ކަތިލާ ނޫސްވެރިކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން ބޭނުންވަނީ ތެދު މަޢުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު ނޫސްވެރިކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ، އަޅުގަނޑުމެން ޒިންމާދާރު ނޫސްވެރިކަމުގެ މިނިވަންކަމާއި، މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ޙައްޤުވެސް ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މިކަންކަމަކީ އަދުލުވެރި މުޖުތަމަޢެއްގެ އަސާސްތަކެވެ.