ތަރައްްޤީ

ރައީސް ޔާމީން ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ އަރަބިއްޔާއަށް ވަޑައިގަތުމުން، ކިންގ ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވަނީ ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދްގެ ގަވަރނަރ ޕްރިންސް ފައިސަލް ބިން ބަންދަރު ބިން އަބްދުލް އަޒީޒް އައްސަޢުދު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މާދަމާ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދާއި، އެ ޤައުމުގެސީނިއަރ މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެއެވެ. މިގޮތުން،ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކާއި، ޢުމްރާނީ ތަރައްޤީއާއި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމަށް ފައިދާ ހުރި ދާއިރާތަކުން އިތުރަށްގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޢަބްދުﷲ ޙަމީދު، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.