ޚަބަރު

"އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ"


މެދުތެރެއާއި އިރުމަތީ ޕެސިފިކް ކަނޑުގެ މަތީ ފަށަލަ ހޫނުވުމަށް މެދުވެރިވާ އެލް ނީނޯ ޙާލަތު މި އަހަރުގެ މެއި މަހުގެ ތެރޭގައި ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ، ޑަބްލިޔުއެމްކޯއިން ބުނެފިއެވެ.

އެލް ނީނޯގެ ޙާލަތު ނުވަ މަހާއި ބާރަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. އެލް ނީނޯގެސަބަބުން ދުނިޔޭގެ ފިނިހޫނު މިނަށް ބަދަލު އައިސް، ވާރޭވެހޭ ގޮތަށް ވެސް ބަދަލު އާދެއެވެ.

ޑަބްލިޔުއެމްކޯއިން ވަނީ އިކުއިޓޯރިއަލް ޕެސިފިކްގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ވަރަށް ހަލުވިކަމާއެކު މަތިވަމުންދާ ކަމަށް ފާހަގަކޮށްފައެވެ. އެއާއެކު މި އަހަރުގެ މެއި މަހާއި ޖުލައި މަހާ ދެމެދު އެލް ނީނޯގެ ޙާލަތު ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެލް ނީނޯގެ ސަބަބުން ސަރަޙައްދީ މޫސުމަށް ބުރޫއަރާ، ⁠ދެކުނު އެމެރިކާއާއި، އެމެރިކާގެ ދެކުނާއި، ހޯން އޮފް އެފްރިކާގެ ބައެއް ހިސާބުތަކާއި، މެދުތެރޭ އޭޝިއާއަށް ވާރޭވެހުން އިތުރުވުމަށް މެދުވެރިވެއެވެ. އަދި އޮސްޓްރޭލިޔާއާއި އިންޑޮނޭޝިޔާއާއި ދެކުނު އޭޝިޔާގެ ބައެއް ސަރަޙައްދުތަކަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެއެވެ. އޭގެ ސަބަބުން ދުނިޔެ އިތުރަށް ހޫނުހަދަވާ ގޮތް ވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.