އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑް އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ފޮރެސްޓް ކާމިޔާބުކޮށްފި އެވެ.
ނޮޓިންހަމް ފޮރެސްޓް މި މެޗުން މޮޅުވުމާއިއެކު ރެލިގޭޝަނުގެ ބިރު ހީވެފައިވާ ފޮރެސްޓަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފަ އެވެ. މި ނަތީޖާ އާއިއެކު ރެލިގޭޝަނުގެ ޒޯނުގައި އޮތް ޓީމު ތަކާއި ފޮރެސްޓާއި ދެމެދު ވާ ފަރަގު ވަނީ 8 ޕޮއިންޓަށް އިތުރުވެފަ އެވެ.
ފޮރެސްޓަށް 34 މެޗުން 39 ޕޮއިންޓާއެކު ތާވަލުގެ 16 ވަނަ މަގާމް ލިބިފައިވާއިރު 17 ވަނައިގައި އޮތް ވެސްޓްހޭމް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. ތާވަލުގެ 18 ވަނައިގައި އޮތް ޓޮޓްނަމް ހޮޓްސްޕަރ އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.
ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓުގައި ކުޅުނު މި މެޗުގައި ފޮރެސްޓް އިން ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނިޓުގައި ސަންޑަލޭންޑްގެ ޓްރައި ހޫމް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ހަ މިނިޓުގެ ތެރޭގައި ތިން ލަނޑު ނޮޓިންހަމް ފޮރެސްޓް އިން ޖަހާފައިވާއިރު މިއީ ފަހަކަށް އައިސް އެ ޓީމަށް ހޯދިފައިވާ އެންމެ ރަގަޅު ނަތީޖާ އެވެ.
މެޗުގެ 31 ވަނަ މިނިޓުގައި ކްރިސް ވުޑް ލަނޑެއް ޖަހާފައިވާއިރު އޭގެ ތިން މިނިޓޫ ފަހުން މޯގަން ގިބްސް ވައިޓް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް އިގޯ ޖީސުސް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
ނޮޓިންހަމް ފޮރެސް އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގެ ފަސްވަނަ މިނިޓުގައި އެލިއޮޓް އެންޑަސަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ނޮޓިންހަމް ފޮރެސްޓަށް މި ނަތީޖާ އާއިއެކު ޖުމްލަ 39 ޕޮއިންޓް ލިބިފައިވާއިރު 2011 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގައި 39 ޕޮއިންޓް ލިބިފައިވާ ޓީމެއް މިހާތަނަށް ރެލިގޭޓްވެފައެއް ނުވެއެވެ.