ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން އިތުރު ފީއެއް ނަގާ ކަމަށް ބުނެ، މީސްމީޑިއާގައި ވާހަކަތައް ފެތުރިފައިވެއެވެ. އަދި ބޭންކުން މިކަން ދޮގުކޮށްފައިވެއެވެ. ދުރާލާ އާންމުކޮށްފައި ހުރި ވިޔަފާރީގެ ވެބްސައިޓުތައް ފިޔަވާ އިތުރު އެއްވެސް ވެބްސައިޓެއް ނުވަތަ މުޢާމަލާތްތަކުން ޝެޑިއުލް އޮފް ޗާޖެސް ނުހިމެނޭ ފައިސާ ނުނަގާ ކަމުގެ ޔަޤީންކަން ބީއެމްއެލްއިން ދެއެވެ.
ބޭންކުން އިތުރަށް ފައިސާ ނަގާކަން ދޮގުކުރާއިރު، ބޭންކުން ވިޔަފާރި މުޢާމަލާތްތައް ކުރާ ގޮތާއި ފައިސާ ނަގާ އުސޫލާއި މެދުވެސް ވިސްނާލަން ޖެހެއެވެ. ބޭންކުން ކޮންމެ މުޢާމަލާތަކަށް %30 ނަގަނީ، ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް އެކަނިއެވެ. ބީއެމްއެލްއިން މީގެ ކުރިން ޝާޢިއުކޮށް އާންމުކޮށްފައިވާ ގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން؛ (ޓީމޫ، ޝީއިން، އަލީބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އިތުރު އެއްވެސް ސައިޓަކުން މި ފީ ނުނަގައެވެ. ޞިއްޙީ ޚިދުމަތާއި، ތަޢުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަ ބޭންކުން ދޮގުކުރެއެވެ.
ދިވެހި ރުފިޔާ ޑެބިޓް ކާޑުން ބޭރުގެ ވިޔަފާރި ސައިޓުތަކަށް ކުރާ މުޢާމަލާތުން ފީއެއް ނަގަން ފެށީ، މި މުޢާމަލާތްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެ ރާއްޖެއިން ބޭރުވާ ބޭރު ފައިސާގެ އަދަދު އިތުރުވުމުންނެވެ. މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން މިފިޔަވަޅު އަޅައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު މޭއި ހަމައަށް މަހުން މަހަށް ބޭންކުގެ ކާޑުތައް ބޭނުންކޮށްގެން އީކޮމާސް ވެބްސައިޓުތަކުން ކޮށްފައި ހުރި މުޢާމަލާތްތައް އަރަނީ 20 މިލިޔަން ޑޮލަރެވެ. ނަމަވެސް 2025 ވަނަ އަހަރު މިމުއްދަތުގައި މަހުން މަހަށް ކޮށްފައިހުރި މުޢާމަލާތްތަކުގެ އަދަދު 45 މިލިޔަން ޑޮލަރަށް ވަނީ އަރާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ބޭރު ޤައުމުތަކުގައި ކުރާ އެކި މުޢަމަލާތްތަކަށް ފީ އެއް ނަގައެވެ. މިގޮތުން ބޭންކުން ކުރާ ކޮންމެ މުޢަމަލާތަކަށް %30 ނަގަނީ ލިސްޓުކޮށްފައިވާ ސައިޓުތަކުގައި އެކަނިއެވެ. އެހެން ޚިދުމަތްތަކަށް ނަގާ ފީ ތަކަށް ބަލާއިރު ތައުލީމާއި، ބޭސްފަރުވާ ހޯދުން ފަދަ މުހިންމު ބޭނުންތަކަށް ފައިސާ ދެއްކުމުގައި ނަގަނީ ފީއެއް ނަގަނީ %5 އާއި ހަމައަށެވެ. އެހެނިހެން މުދަަލާއި ޚިދުމަތަށް ފައިސާ ދެއްކުމުގައި %10 އާއި ހަމައަށް ފީއެއް ނަގައެވެ.
މިއަދަދު އިތުރުވެގެން ދިޔައިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ބޭރުގެ މުޢަމާލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓާއި ގުޅިފައި ހުންނަ ކާޑުތައް ބޭނުން ކުރުމުން، އެއަށް ވާ އަދަދަށް މުޢަމަލާތް ފުރިހަމަކުރުމަށް ޑޮލަރުން ފައިސާ ދައްކަނީ ބޭންކުން ކަމެވެ. މިއީ ޑޮލަރު އެކައުންޓުތަކުން ކުރާ މުޢަމަލާތްތަކެއް ނޫންކަމުން ބޭންކަށް ލިބޭ އާމްދަނީން މިކަން މެނޭޖްކުރުމަށް ބީއެމްއެލްއިން މަސައްކަތް ކުރެއެވެ.
އަހަރުން އަހަރަށް ބޭންކުން މިގޮތަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުވަމުންދާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކައެވެ. ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި، ރާއްޖެއިން ބޭރުން ކުރާ ކާޑު މުޢާމަލާތްތަކަށް، މިދިޔަ އަހަރު ޖުމްލަ 565.5 މިލިޔަން ޑޮލަރު ބޭންކުން ވަނީ ވިއްކާފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެކަނިވެސް 226 މިލިޔަން ޑޮލަރު ވިއްކާފައިވާކަން ބީއެމްއެލްއިން ފާހާގަކުރެއެވެ.
2025 - 565.5 މިލިއަން ޑޮލަރު
2026-ކ-1: 226 މިލިޔަން ޑޮލަރު
ވިޔަފާރިތަކަށް ހަދައިދޭ ޓީޓީ ތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޑޮލަރ ސަޕޯޓް ދިން ނަމަވެސް، އެނޫން ކަންކަމަށް، ހާއްސަކޮށް ކާޑުގެ މުޢާމަލާތްތަކަށް ޑޮލަރު ވިއްކަނީ ބޭންކުގެ އަމިއްލަ އާމްދަނީންކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މިދިޔަ އަހަރުގެ މުޢާމަލާތްތަކަށް ބަލާއިރު ހަމައެކަނި ކާޑު މުޢާމަލާތްތަކަށް ބޭންކުގެ އަމިއްލަ އާމްދަނީން 390 މިލިޔަން ޑޮލަރު ބީއެމްއެލްއިން ވަނީ ހޭދަކޮށްފައެވެ.
ބޭރުގެ މުޢަމަލާތްތައް ކުރާޢިރު، އެކި މަރުހަލާތަކުގައި އިތުރު ފީއެއް ފައިސާ ދައްކާއިރު އެރުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ކޮންމެހެން ފައިސާ ފޮނުވުމުގައި މެދުވެރިވާ ފަރާތުން ނަގާ ފީއަކަށްވެސް ނުވެދާނެއެވެ. ފައިސާ ލިބޭ ފަރާތުން ފޯރުކޮށްދޭ ޚިދުމަތައްވެސް ބައެއް ހާލަތުގައި ފީ ނަގާކަމީ ބޭރު ޤައުމުތަކުން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށްވެސް އެނގޭނެ ކަމެކެވެ.