ޚަބަރު

ޓެރަރިޒަމާ ގުޅޭ ބައިތައް ފުލުހުންގެ ތަމްރީނުތަކުގައި ހިމަނައިފި


ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުރައްވަމުން ގެންދަވާ މަސައްކަތާ ގުޅޭ ބައިތަކެއް، ފުލުހުންނަށް ދެއްވާ ތަމްރީންތަކުގައި ހިމަނުއްވައިފިކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރަވައިފިއެވެ. ޕޮލިސް ސަރވިސްއިން ވިދާޅުވީ މިކަމަކީ، ޓެރަރިޒަމްގެ ޙަރަކާތްތަކާއި ކުށްތައް ހުއްޓުވައި، ޓެރަރިޒަމްގެ ޢަމަލުތަކަށް މަގުފަހިވާފަދަ ކަންކަން މުޖުތަމަޢުން ނައްތާލެއްވުމަށް ފުލުހުންގެ މުއައްއަސާއިން ކުރައްވާ މަސައްކަތްތައް އިތުރުކުރެއްވުމުގެ ސިޔާސަތުގެ ބައެއް ކަމަށެވެ.

ފުލުހުންނަށް ހިންގަވާ ތަމްރީނުތަކަށް ގެންނެވި މި ބަދަލާއެކު، ޕޮލިސް އެކަޑަމީން ފުލުހުންނަށް އަމާޒުކުރައްވައިގެން ހިންގަވާ އެކިއެކި ތަމްރީންތަކުގައާއި ޤާނޫނު ތަންފީޒްކުރާ އިދާރާތަކަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީން ހިންގާ ތަމްރީންތަކުގައި، ޓެރަރިޒަމް ދިވެހި މުޖުތަމަޢުން ނައްތާލައި އެފަދަ ކުށްތަކަށް ހިއްވަރު ލިބޭގޮތަށް ކުރެވޭ ކަންކަން ދެނެގަނެ އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރެވިދާނެ ގޮތްތަކުގެ ތަމްރީނުތައް މީގެފަހުން ފުލުހުންނަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވި ގޮތުގައި ޕޮލިސް އެކަޑަމީން ހިނގަވާ ތަމްރީނުތަކުގައި ޓެރަރިޒަމްގެ ބައިތައް ހިމަނުއްވައި އެކަމަށް ބޭނުންވާ ތަމްރީނުތައް ކުރިޔަށް ގެންދެވުމަށްޓަކައި ޕޮލިސް އެކަޑަމީން ވަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަން ހޯދާފައެވެ. އަދި ޓެރަރިޒަމް ހުއްޓުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ތަމްރީނުތައް ހިންގާނެ ގޮތުގެ އޮނިގަނޑު އެކުލަވާލައްވައި އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ޕޮލިސް އެކަޑަމީން ގެންދަވަނީ ކުރައްވަމުންނެވެ.

ޕޮލިސް އެކަޑަމީގެ ތަމްރީނުތަކަށް ގެންނަވާ މި ބަދަލާއެކު ފުލުހުންނަށް ހިންގަވާ އަސާސީ ތަމްރީނު ކޯސްތަކާއި އިންވެސްޓިގޭޝަން އޮފިސަރުން ތަމްރީނު ކުރުމުގެ ކޯސްތަކާއި ފްރޮންޓްލައިން އޮފިސަރުން ތަމްރީން ކުރެއްވުމުގެ ކޯހާއި ޤާނޫނު ތަންފީޒުކޮށް، މުޖުތަމަޢުގެ ރައްކާތެރިކަން ދެމެހެއްޓުމާ ގުޅުން ހުރި ދާއިރާތަކުން ހިންގާ އެހެން ކޯސްތަކުގައި ޓެރަރިޒަމްގެ މާއްދާތައް ކިޔަވައިދެއްވަން ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ހިނގާ ނުވަތަ ހިނގާފާނެ ކަމަށް ބެލެވޭ ޓެރަރިޒަމްގެ ޢަމަލުތަކާއި ކުށްތައް ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރައްވާ މަސައްކަތްތައް މިހާރަށްވުރެވެސް ހަރުދަނާކުރައްވައި އިތުރުކުރެއްވުމަށް ޚާއްޞަ ގޮތެއްގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިސްނެންގެވުމުގެ މަތީން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް ބޯޑުގެ މަޝްވަރާއާއެކު ކުރައްވަމުން ގެންދަވާކަމަށް ޕޮލިސް މީޑިއާއިން ވިދާޅުވެއެވެ.

ދިވެހިރާއްޖެއިން އަންނަނީ ޓެރަރިޒަމާ ދެކޮޅަށް ޤައުމީ ފެންވަރެއްގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގުޅުންހުރި ޤައުމުތަކާ ގުޅިގެންވެސް ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަޤުވާމީ މަޝްރަޙުގައިވެސް ރާއްޖެއިން އަންނަނީ މުހިންމު މަސައްކަތްކެއް ކުރަމުންނެވެ.

ދިވެހިރާއްޖެއިން ކުރާ ޓެރަރިޒަމާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރައްވައި އަވަހަށް ނަތީޖާ ނެރުއްވުމަށްޓަކައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް ސަރުކާރުން ވަނީ އުފައްދަވާފައެވެ. އެ ސެންޓަރުން ގެންދަވަނީ ރާއްޖޭގައި ޓެރަރިޒަމް ޙާލަތު އޮތް މިންވަރާއި ރާއްޖެއަށް ބޭރުގެ މިފަދަ ކަމެއްގެ އަސަރުކުރުމުގެ ފުރުޞަތު އޮތް މިންވަރާއި ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް ބޭނުންވާ މުހިންމު ދިރާސާތައް ކުރައްވަމުންނެވެ. އަދި މިކަމުގައި ރާއްޖޭގެ އެތެރެއިންނާއި ބޭރުންވެސް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. މީގެ އިތުރަށް ރާއްޖެއަށް އޮވެދާނެކަމަށް ބެލޭ ޓެރަރިޒަމްގެ ނުރައްކާ ކުޑަކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތައްވެސް ގެންދަވަނީ އަޅުއްވަމުންނެވެ.