އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާރންލީ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ ތާވަލުގެ އެއްވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުގައި ސިޓީ އަތުން ބަލިވި ބާރންލީ ވަނީ އެއް ސީޒަނަށްފަހު އަލުން ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފަ އެވެ. ލީގުގައި މިހާތަނަށް ބާރންލީ އިން 34 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. އަދި މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ.
މެންޗެސްޓަރ ސިޓީ ވަނީ މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް މި ސީޒަނުގެ ފުރަތަމަ ހާފްތާއަށްފަހު ފުރަތަމަ ފަހަރަށް ހޯދާފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އާއި ސިޓީ އަށް 33 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުންވެސް ވަނީ 37 ގޯލާއެކު އެއްވަރުވެފަ އެވެ. އެހެންކަމުން ސިޓީ އަށް ކުރި ލިބިފައިވަނީ ޖެހި ގޯލުގެ ތަފާތުންނެވެ. ސިޓީ އިން 66 ގޯލު ޖަހާފައިވާއިރު އާސެނަލް އަށް ޖެހިފައިވަނީ 63 ގޯލެވެ.
ޕެޕް ގަޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓަރ ސިޓީ އަށް މި ސީޒަނުގެ މެދުތެރޭގައި ގިނަ މައްސަލަތަކެއް ކުރިމަތިވިނަމަވެސް އެންމެ ފަހުން އެ ޓީމު ކުޅުނު 11 މެޗުން ބަލިވެފައެއް ނުވެއެވެ. ޕްރިމިއާ ލީގުގައި ސިޓީ އެންމެ ފަހުން ބަލިވެފައިވަނި މިދިޔަ ޖެނުއަރީ މަހު މެންޗެސްޓަރ ޔުނައިޓެޑް އަތުންނެވެ.
ބާރންލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފަސްވަނަ މިނިޓުގައި އާލިން ހާލަންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.