ޚަބަރު

އެމެރިކާގެ ޙިޞާރު ފޫއަޅުވައިލައި އީރާނުގެ ތެޔޮ ބޯޓުތައް ދުނިޔޭގެ ބާޒާރަށް


އީރާނުން ތެޔޮ ބޭރުކުރުން ހުއްޓުވުމުގެ ގޮތުން އެމެރިކާއިން ތަންފީޒުކުރަމުންދާ ކަނޑުގެ ވަރުގަދަ ޙިޞާރު ފޫއަޅުވައިލައި، މި ހަފުތާގެ ތެރޭގައި އެކަނިވެސް އީރާނުން ތެޔޮ ބަރުކޮށްގެން ގިނަ އަދަދެއްގެ އުޅަނދުތައް ބޭރު ޤައުމުތަކުގެ ބަނދަރުތަކަށް ދަތުރުކޮށްފައިވާ ކަން ހާމަވެއްޖެއެވެ. އެމެރިކާއިން އީރާންގެ ބަނދަރުތައް ޙިޞާރުކޮށްފައި ވަނީ ޔަހޫދީންނާ ގުޅިގެން ފެބުރުވަރީ 28 ވަނަ ދުވަހު ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ދަށުންނެވެ.

ކަނޑު ދަތުރުފަތުރުގެ ހަރަކާތްތައް ދިރާސާ ކުރާ ވޯޓެކްސާއިން ހާމަކުރި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، އީރާނުގެ ދިދަ ޖަހާފައިވާ 'ހީރޯ 2' އާއި 'ހެޑީ' ގެ ނަން ދީފައިވާ ދެ ތެޔޮ އުފުލާ ބޯޓު އެޕްރީލު 20 ވަނަ ދުވަހު ވަނީ އީރާންގެ ބަނދަރުން ފުރައިގެން ޢަރަބި ކަނޑަށް ދަތުރުކޮށްފައެވެ. އެ އުޅަނދުތައް ދަތުރުކޮށްފައި ވަނީ އެމެރިކާގެ ޙިޞާރު ތަންފީޒުކުރަމުންދާ އަސްކަރީ މަނަވަރުތަކަށް ނޭނގިއެވެ. ގާތްގަނޑަކަށް 4 މިލިޔަން ފީފާގެ ސާފުނުކުރާ ތެޔޮ އުފުލުމުގެ ޤާބިލުކަން ލިބިފައިވާ މި ދެ އުޅަނދު ފެނިފައިވަނީ އެމެރިކާގެ ޙިޞާރުގެ ރޮނގު ހުރަސްކުރި ފަހުން ކަމުގައި ވޯޓެކްސާއިން ހާމަކުރިއެވެ.

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު އީރާނުގެ އަތްދަށުގައި އޮތުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ޙިޞާރު އިޢުލާންކުރެއްވި ނަމަވެސް، އީރާނާ ގުޅުންއޮތް 34 އުޅަނދެއް އެ ސަރަޙައްދު ހުރަސްކޮށް ދަތުރުކޮށްފައިވާ ކަމުގައި ވޯޓެކްސާއިން ބުންޏެވެ. މީގެ ތެރެއިން 19 އުޅަނދަކީ ގަލްފުން ބޭރަށް ތެޔޮ ހިފައިގެން ދަތުރުކުރި އުޅަނދުތަކެކެވެ. މި އުޅަނދުތަކުން ޖުމްލަ 9 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ފޯރުކޮށްދީފައިވާ ކަމަށް ލަފާކުރެވޭ ކަމުގައި ވެސް ވޯޓެކްސާއިން ހާމަކުރިއެވެ.