ރިޕޯޓް

"ދުނިޔޭގައިވާ އެންމެ އުފާވެރި ރަށަކަށް ފުވައްމުލަށް"


"ދުނިޔޭގައިވާ އެންމެ އުފާވެރި ރަށަކަށް ފުވައްމުލަށް" މިއީ ފުވައްމުލަކު އަތޮޅު ކައުންސިލުން ކަނޑައަޅުއްވާފައިވާ ވިޝަނެކެވެ. މި ވިޝަން ޙާޞިލް ކުރެއްވުމަށް އެ ކައުންސިލުން ގެންދަނަވީ ޕްލޭންތަކެއްގެ ދަށުން މަސައްކަތް ކުރައްވަމުންނެވެ.

ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ އެހެން ރަށްރަށާ ޚިލާފަށް އެއް ފަސްގަނޑަކަށް އެއް އަތޮޅެއްގެ ގޮތުގައި އޮންނަ އެކަހެރި ރަށެކެވެ. ރާއްޖޭގެ ދެކުނުން ގދ. އަތޮޅާއި އައްޑޫސިޓީއާ ދޭތެރެއިން ކަނޑުގެ މެދުގައި އޮންނަ މި ރަށަކީ އަމިއްލަ ގޮތްތަކެއް ގެންގުޅޭ، އެކުވެރި ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އަށް އަވަށަކަށް ބެހިފައިވާ މިރަށުގައި ގާތްގަނޑަކަށް 14،000އެއްހާ މީހުން ދިރިއުޅެއެވެ. އެރަށުގެ ރައްޔިތުންގެ ދުޅަހޮޔޮކަން އިތުރުކުރުމާއި ރައްޔިތުންނަށް އުފާވެރިކަން ހޯއްދަވައިދެއްވުމުގެ ގޮތުން އެރަށު ކައުންސިލުން ގެންދަވަނީ ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. މިގޮތުން އެރަށު ކައުންސިލުން މިހާރު ކަނޑައަޅުއްވާފައިވާ ވިޝަންއަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގައިވާ އެންމެ އުފާވެރި ތަނަކީ ފުވައްމުލައް ސިޓީއަށް ހެއްދެވުމެވެ. މި ވިޝަން ޙާޞިލް ކުރެއްވުމަށް ޕްލޭންތަކެއް ހައްދަވައި އެއާ އެއްގޮތަށް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ކައުންސިލުން ކުރިއަށް ގެންދަވާ އެކިއެކި އިޖުތިމާޢީ ޙަރަކާތްތަކުގައި މި ވިޝަން ބޭނުންކުރަން ވަނީ ފަށްޓަވާފައެވެ. ފުވައްމުލަކު ކައުންސިލްގެ ޑިރެކްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވީ، ދުނިޔޭގައިވާ އެންމެ އުފާވެރި ތަންކަމުގައި އެސިޓީ ހެއްދެވުމަށް ޢުމްރާނީ ގޮތުން އަންނަ ބަދަލުތަކަކީ ވަކި ބައެއް ކަމަށާއި އެހެންނަމަވެސް އެސިޓީގެ ރައްޔިތުންނަކީ ހިނިތުންވުމާއެކު އެއްބަޔަކު އަނެއްބަޔަކަށް ލޯބިދީގެން އުފާވެރި މާޙައުލެއްގައި އުޅޭ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ. މިކަން ކުރެއްވުމަށް ރަށުގެ އިޖުތިމާޢީ ގުޅުން ވަރަށް ރަނގަޅު ކުރަންޖެހޭ ކަމަށާއި މި ގުޅުން ރަނގަޅު ކުރެއްވުމަށް ހުރިހާ ޢުމުރެއްގެ މީހުންނަށް އަމާޒުކުރައްވައިގެން ޢިޖުތިމާޢީ ރަނގަޅު ވެއްޓެއް ޤާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

"ފުވައްމުލަކު ނަންއިވޭ - މެދުއަޑި ފެންހެޔޮ ރަށޭ، ރާޅު ވަށާ ފުއްޓަރޭ - އެއްގަމުތެރެވެސް ހުއްދައޭ. އަޅުގަނޑުމެންގެ ޅަކުދިންނަށް ކަޅުހުއްތުބެގެ މި ވިޝަން އެހާ ބޮޑަށް ތަރާއަފް ކުރެވިފައެއް ނެތް. މި ޅެމުގައި މި ވިދާޅުވަނީ އެކިގޮތްގޮތުން ނަންއިވޭ މަޝްހޫރު ޝަރަފްވެރި ރަށެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އިވެމުންދާ މި ރަށަކީ ވަށައިގެން ފުއްޓަރު އޮވެފައި ބިޔަ ރާޅުނަގާ ރަށެކޭ. އެހެންނަމަވެސް ރަށަށް އެރުމަށްފަހު ރަށުގެ އެތެރޭގައި ވަނީ ފެންމީރު ރަށެއް ކަމުގައި އަޅުގަނޑުމެންނަށް މާނަ މިކުރެވެނީ. ކެއިންބުއިމުގެ ކަންތައް ފަހި ރަށުގެ މެދުގައި ސާފުފެން އޮވެފައި އަދި ރަށުގައި މި އޮތް ގުދުރަތީ ދެ ކުޅިވެސް އޭގެތެރޭގައި ހިމެނޭގޮތަށް. ހަމައެއާއެކު އެއްގަމުތެރެވެސް ހުއްދައޭ، އަމާންކަމާއި ރައްކާތެރިކަމާއި އުފާވެރިކަން އެކުލެވިގެންވާ ރަށެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މާނަ ކުރެވިގެންދަނީ މި ޅެމުން." ފުވައްމުލަކު ކައުންސިލްގެ ޑިރެކްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

ތަރައްޤީގެ ގޮތުން ބަލާއިރުވެސް ފުވައްމުލަކަކީ ރާއްޖޭގެ އެންމެ ތަރައްޤީ ރަށްރަށުގެ ތެރޭގައި ހިމެނޭ އަދި މިހާރުވެސް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދަވާ ރަށެކެވެ. ރަށުގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހައްދަވަން ފަށްޓަވާފައިވާއިރު ރާއްޖޭގެ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް އެންމެ ރަނގަޅު ފެންވަރުގައި ޤާއިމްކުރެވޭ އެއްރަށަކީވެސް ފުވައްމުލަކެވެ. މީގެއިތުރުން ސަރުކާރުގެ ގެދޮރުވެރިކަމާއި ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން އެރަށުގައި ފެލެޓް އިމާރާތް ކުރެއްވުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. މިހާރު ފުވައްމުލަކީ ލަފާފުރަން ފަސޭހަ ބަނދަރެއް ހެދި އަދި މަދަނީ ވައިގެ ބަނދަރެއްވެސް އޮންނަ ހަމަ އެހެންމެ ފެރީގެ ޚިދުމަތްލިބޭ ދަތުރުފަތުރަށް ފަހި ރަށެކެވެ.

މީގެއިތުރުން އެރަށުގެ އެތެރޭގައި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ތައާރަފްކުރައްވާ ބަސް މެދުވެރިކޮށް އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ގެންދަވަނީ ފޯރުކޮށް ދެއްވަމުންނެވެ. ރާއްޖޭގެ އެއްރަށަކުން އެންމެ ރަނގަޅު ތަޢުލީމް ލިބެން ހުރި އެއްރަށަކީވެސް ފުވައްމުލަކެވެ. އެރަށުގައި ސަރުކާރުގެ 4 ސްކޫލާއި އަމިއްލަ 2 ސްކޫލް ހުރިއިރު އެރަށުގައި ތިބެގެން މަތީތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުވެސް ވަނީ ފަހިވެފައެވެ. ފުވައްމުލަކަކީ މީހުން އާބާދުވުމަށް ބިމުގެ ގޮތުން ޖާގަ ތަނަވަސް އަދި ދަނޑުވެރިކަމާއި ސިނާޢީ މަސައްކަތްތަކާއި ފަތުރުވެރިކަމަށްވެސް އިންވެސްޓްކުރުމަށް ފުރުޞަތު އޮތް، ބިން ތިޔާގި ރަށެކެވެ. އަތޮޅު ހޮސްޕިޓަލަކުން ލިބޭ ހުރިހާ ޚިދުމަތްތަކެއް އެއަތޮޅު ހޮސްޕިޓަލުން ލިބެން ހުރިއިރު ޑަޔަލިސިސް ހެދުމުގެ ޚިދުމަތާއި އަދިވެސް އިތުރު ޓެސްޓްތައް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ފުވައްމުލަކަކީ އުމްރާނީ ގޮތުން ބެލިޔަސް ފުވައްމުލަކު އަތޮޅު ކައުންސިލުން ގެންގުޅުއްވާ "ދުނިޔޭގައިވާ އެންމެ އުފާވެރި ތަނަކަށް ފުވައްމުލައް" މި ވިޝަން ޙާޞިލް ކުރެއްވުމަށް ކުރާ މަސައްކަތަށް އުންމީދު އޮތް ސިޓީއެކެވެ.