ޚަބަރު

"ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ތަމްރީނަށް އޮތް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން"


  • އެމްއެންޔޫ މެޑިސިން ސްކޫލުން މިހާތަނަށް 105 ދަރިވަރަކު ދަސްވެނިވެފައިވޭ

  • ސްޕެޝަލައިޒޭޝަން ކޯސްތައް ފެށިދާނެ 5 ދައިރާއެއް ވަނީ ފާހަގަކުރެވިފައި

ޑޮކްޓަރުންނަށް ރާއްޖޭގައި ތިބެގެން ސްޕެޝަލައިޒް ވެވޭނެ ފަސް ދައިރާއެއް ފާހަގަކުރެވިފައިވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންއިން ބުނެފިއެވެ.

ސްކޫލް އޮފް މެޑިސިން ޑީން ޑރ. ޝީޒާ ޢަލީ ވިދާޅުވީ އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ.

އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ ޢަލީ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ، ސްކޫލުގެ ކިޔަވައި ދިނުމުގެ ކޮލިޓީ ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީގެ މަންހަޖު ރާއްޖެއާއި ގުޅޭގޮތަށް އެފަރާތުގެ އިރުޝާދާއެކު ކުދި ބަދަލުތަކެއް ގެނެސް، ކިޔަވައިދެމުން ދިއުމަކީ މިކަމުގައި ލިބިފައިވާ ކަމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން ކިޔަވައި ދިނުމުގެ ކަންކަން މޮނީޓަރ ކުރުމަށް ކޮންމެ އަހަރަކު 2 ފަރަހު ޒިޔާރަތް ކުރާ ކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ އެންމެ ފަހު އިމްތިޚާނަށްވެސް އެގްޒަމިނަރުން ބޭރުން ގެންނަ ކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.

ސްކޫލުގެ ކޮލިޓީ ހިފެހެއްޓުމާއެކު ސްކޫލުގެ ކިޔަވައިދޭ ދައިރާތައް އިތުރު ކުރުމަށް މަސައްކަތް ކުރާކަން އޭނާ ހާމަކުރެއްވިއެވެ. އެގޮތުން ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް ބޭނުންވާ ދައިރާތަކުގެ ތެރެއިން 5 ދައިރާގެ އެއްގެ ކޯސް ކާމިޔާބު ކަމާއެކު ދިވެހިރާއްޖޭގައި ފެށުމަށް ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް އޭނާ އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން ދިވެހިރާއްޖޭގައި ސްޕެޝަލައިޒް ވުމަށް ދައިރާތަކެއް، އަޅުގަނޑުމެންނަށް ކަނޑައަޅައި އެދައިރާތަކުގެ ސްޕެޝަލައިޒޭޝަން ފެށުމުގެ ޤާބިލްކަން ދިވެހިރާއްޖޭގެ ޑޮކްޓަރުންގެ އެބަހުރި. ދެން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރެވުމުން. މިދެންނެވި ޖާގައިގެ ކަންތައްތަކާއި، މެޑިކަލް ކައުންސިލުންނާއި އެމްކުއޭއިން އެބަބުނޭ ބައެއް ޑޮކިއުމެންޓްތައް ތައްޔާރު ކުރަން. އެކަންތައް ކުރެވުނީމަ، ހަމަ ފަށައިގަނެވޭނެ 4 ،5 ދައިރާއެއް އެބައޮތް ދިވެހިރާއްޖޭގައި ކާމިޔާބު ކަމާއެކު ފަށައިގަނެވޭނެ." ޑރ. ޝީޒާ ވިދާޅުވިއެވެ.

އެމްއެންޔޫގެ މެޑިކަލް ސްކޫލުގެ 4 ވަނަ ބެޗުގެ ދަރިވަރުން ދާދި އަވަހަށް ދަސްވެނިވާއިރު، މިހާތަނަށް 105 ދަރިވަރަކު ވަނީ ކޯސް ފުރިހަމަކޮށް ދަސްވެނިވެފައެވެ. އަދި ފުރަތަމަ ބެޗުގެ ދަރިވަރުން އިންޓާންޝިޕް ނިންމައި މިހާރު މަސައްކަތަށްވެސް ނިކުމެފައިވާކަމަށް ސްކޫލް އޮފް މެޑިސިންއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޑޮކްޓަރުން ތަމްރީނުކުރަން ފަށާފައިވަނީ 2018ވަނަ އަހަރު ސްކޫލް އޮފް މެޑިސިން އިފްތިތާޙް ކުރުުމަށް ފަހު 2019 ވަނަ އަހަރު އެވެ. އެތަނުގައި ކިޔަވައި ދެނީ، މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީގެ މަންޚަޖަކަށެވެ. މިހާރު ޤައުމީ ޔުނިވަސީޓިގައި 5 އަހަރު އެމްބީބީއެސް ކޯސް ހިންގަމުންދާއިރު މިހާތަނަށް 3 ބެޗެއްގެ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.