ތަރައްްޤީ

މާލޭ ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


މާލޭ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށްޓަވައިފިއެވެ. ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެން ހިންގަވާ މި މަޝްރޫޢުގެ ދަށުން، މިއަދު ފެއްޓެވީ މަޖީދީމަގު ތަރައްޤީކުރެއްވުމުގެ މަސައްކަތެވެ.

މާލޭ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢު ހިންގެވުމަށް ހަމަޖެހިފައިވަނީ ސީދާ ހައުސިންގ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން، އެ މިނިސްޓްރީން މަސައްކަތް ހިންގަވާގޮތަށެވެ. މިގޮތަށް ހަމަޖެއްސެވީ، މަސައްކަތުގެ ސްޕީޑް އަވަސްކުރައްވައި، ޚަރަދުކުޑަކުރެއްވުމުގެ ގޮތުންކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ 13 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ހައުސިންގ މިނިސްޓްރީން ޚާއްޞަ ޓައިމްލައިނެއް ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢުގެ ދަށުން، މަޖީދީމަގު މަރަމާތުކުރެއްވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވަނީ، މަޖީދީމަގުގެ 200 މީޓަރ 9 ބަޔަކަށް ބައްސަވާލައްވައިގެން، ކޮންމެ ބައެއް ދެހަފްތާގެ ތެރޭގައި ނިންމަވާގޮތަށެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން ފުރަތަމަ މަސައްކަތް ކުރިއަށް ގެންދަވާނީ މަޖީދީމަގު ހުޅަނގުކޮޅުން ރަސްފަނާ ހިސާބުން ފެށިގެން ޢިއްޒުއްދީން މަގާ ދެމެދުގެ ސަރަޙައްދެވެ. 

img:http://s4.psmnews.mv/images/660x400/14753313740442.jpg|މަޖީދީ މަގުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ ތާވަލް-

މަޖީދީމަގުގެ މަސައްކަތް މުޅިން ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ 4 ފެބްރުއަރީ 2017ގައެވެ.

ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ވެހިކަލް ދުއްވާ މަގުތަކަކީ މާލޭ ސިޓީގެ މަގުތައް ކަމަށްވެފައި، މާލޭ ސީޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢާއެކު މަގުތައް އެއްވަރުނުވުމާއި، ވިއްސާރަ މޫސުމަށް މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ބޮޑު ޙައްލެއް މި މަޝްރޫޢުން ލިބިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެެވެ.

img:http://s3.psmnews.mv/images/660x400/14750491725386.jpg|މާލޭގެ މަގުތަކުގައި "ޑްރެއިނޭޖް ސިސްޓަމް" ބެހެއްޓުމަށް ނިންމަވާފައިވާގޮތުގެ ޑިޒައިން- ފޮޓޯ: ހައުސިން މިނިސްޓްރީ

އެގޮތުން މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި "ޑްރެއިނޭޖް ސިސްޓަމް"ތައް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ހުރި ކާނުތަކުގެ ސައިޒް ދެގުނައަށް ބޮޑުކޮށް، ކާނުތަކަށް އެޅޭފެން ވަކި ދިމާއަކުން މޫދަށް ބޭރުވާ ނިޒާމެއް ޤާއިމު ކުރެވިގެންދާނެއެވެ. މީގެއިތުރުން ދުވާރާއި، މަގުތަކުގައި އަތުރާފައިވާ ގާތައް އާކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ދުވާރުތައް ބަދަލުކުރެވިގެންދާނެއެވެ. ހަމައެހެންމެ، އެކިކަހަލަ ކޭބަލްތައް ވަޅުލުމަށް އިރުއިރުކޮޅުން މަގުތައް ކޮންނަން ނުޖެހޭނޭހެން އެންމެ ޒަމާނީ "ޖަންކްޝަން ބޮކްސް"ތަކެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނީ 24 ގަޑިއިރު މަސައްކަތްކުރާގޮތަށް ކަމަށާއި، މިކަމުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތައް ވީހާވެސް ކުޑަވާނެގޮތަށް ރޭވިގެންކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ކޮންމެ ފޭސް އަކާ ގުޅިގެން ބަންދުކުރެވޭނެ ސަރަޙައްދާއި، އެއާ ގުޅިގެން ޓްރެފިކަށް އަންނާނެ ބަދަލުތަކުގެ މަޢުލޫމާތުތައް ޢާއްމުކުރައްވާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14753314816081.jpg|މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތައް-

އެގޮތުން ފުރަތަމަ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވާ މަޖީދީ މަގު ހުޅަނގުކޮޅުން، މަގު ހެދުމަށްޓަކައި ކަނބާއައިސަރަނި ހިނގުމާއި، ޝަހީދު ޢަލީ ހިނގުމުގެ ވަކި ހިސާބަކުން ވަނީ ބަންދުކުރައްވާފައެވެ. އަދި މި ދެމަގުގެ ދެފަރާތުގައި ޕާކްކުރެވޭނެ އިންތިޒާމް ފުލުހުން ވަނީ ހަމަޖައްސަވާދެއްވާފައެވެ. މި މަޝްރޫޢުގައި ހިނެނޭ 13 މަގުގެ މަސައްކަތް މުޅިން ނިންމާލުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތާރީޚަކީ 9 ސެޕްޓެމްބަރު 2018އެވެ.