ޚަބަރު

އިސްރަށްވެހިންގެ އަގުވަޒަންކުރާ މުޖުތަމަޢެއް ބިނާކުރުން މުހިންމު


މިއަދަކީ ބައިނަލް އަޤްވާމީގޮތުން ފާހަގަ ކުރާ އުމުރުންދުވަސް މީހުންގެ ދުވަހެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރަމުންގެންދާ އުމުރުން ދުވަސްމީހުންގެ ދުވަހެވެ.

ދިވެހިރާއްޖޭގައި އުމުރުން 65 އަހަރުން މަތީގެ އާބާދީ ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ޚިދުމަތްތަކާއި ދިމާވާ މައްސަލަތައް ހޯދާ ބަލައި ދެނެގަތުމަކީ މުހިންމުކަމެކެވެ. ރާއްޖޭގެ އާބާދީގައި ހިމެނޭ އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް އެފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދެއްވުމުގެ ގޮތުން އެފަރާތްތަކަށް ލިބެމުން ދިޔަ އިނާޔަތް ވަނީ 5000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ. އަދި ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން ބަލިވެ، އެނދުމަތިވެފައިވާ މީހުންގެ ގާތަށް ޞިއްޙީއެހީތެރިންނާއި، ޑޮކްޓަރުން ފޮނުވާ، އެފަރާތްތަކަށް ގޭގައި ތިއްބާ ފަރުވާ ކުރެވޭނެ ޕްރޮގްރާމެއް 2014 އަހަރުވަނީ ފައްޓަވާފައެވެ. އަދި މިޕްރޮގްރާމް ކާމިޔާބު ކަމާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެރަށެއްގައި ހުންނަ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ އެހީތެރިކަމާއިއެކު އެޚިދުމަތަށް އެދޭ ފަރާތްތަކަށް ގެންދަވަނީ ފޯރުކޯށްދެއްވަމުންނެވެ.

img:http://s1.psmnews.mv/images/660x400/14711894462706.jpg|މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އިސް ރަށްވެހިންތަކަކާއި ބައްދަލުކުރައްވަނީ- ފޮޓޯ: ޖެންޑަރ މިނިސްޓްރީ

އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ބައެއް މީހުންނަށް މުޖުތަމަޢުގައި ލިބިދޭންޖެހޭ ރައްކާތެރިކަމާއި، އަޅާލުމާއި، އެހީތެރިކަން އާއިލާގެ ތެރެއިން އެންމެ އެކަށޭނެ ގޮތުގައި ފޯރުކޮށް ދިނުމަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. އަދި މިގޮންޖެހުންތަކުން އަރައިގަތުމަށް ފަރުދީ ފެންވަރުގައާއި، އާއިލާއާއި، މުޖުތަމަޢުގެ ފެންވަރުގައި ވިސްނާ ކޮންމެ ފަރުދަކީވެސް މިއަދުގެ އިސްރަށްވެހިންނަށް އަޅާލާ، އޯގާތެރި އަދި ލުއިފަސޭހަކަމާއި އެކު ދިރިއުޅެވޭނެ ވެއްޓެއް ބިނާ ކުރުމަށް މަސައްކަތްކުރާ ފަރުދަކަށްވާންޖެހެއެވެ. މުޖުތަމަޢުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި އެފާރާތްތަކުން މުޖުތަމަޢުއަށް ކޮށްދީފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަން ކުރުމަކީ މި ފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު ފާހަގަ ކުރުން މުހިންމުކަމެކެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "އުމުރުން ދުވަސްވީމީހުނަށް އުފާވެރި ދިރިއުޅެމެއް ހޯދައިދޭނަން" މިވަޢުދު ތަންފީޒުކުރެއްވުމަށްޓަކައި ޢުމުރުން ދުވަސްވީ މީހުންނާއިބެހޭ ސިޔާސަތެއް ވަނީ އެކުލަވާލައްވާފައެވެ. އަދި މިސިޔާސަތު ތަންފީޒުކުރެވެން ފެށުމުން މިއަދުގެ އިސްރަށްވެހިންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި، އެފަރާތްތަކާއިމެދު ހިންގާ އިންސާނިއްޔަތާއި ޚިލާފް އަމަލުތައް ހުއްޓުވުމާއި، ލިބިދޭންޖެހޭ އޯގާތެރިކަމާއި، ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިކަމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަވެގެން ދާނެއެވެ.