ތަރައްްޤީ

މާލޭ ސިޓީގެ މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް މާދަމާ ފަށަނީ


މާލޭ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މާދަމާ ފަށްޓަވާނެއެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އެންމެ ކާރުބާރުބޮޑު މަގުކަމަށްވާ މަޖީދީމަހު ހިމެނޭހެން، މާލޭގެ މައި 13 މަގެއް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރެއްވުމަށް ހަމަޖައްސަވާފައިވެއެވެ.

މާލޭ ސިޓީއަށް ޢުމްރާނީގޮތުން ސަރުކާރުން ގެންނަވާ ބަދަލުތަކުގެ ތެރެއިން، ދެން އެންމެ އަވަހަށް ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެއްވުމެވެ. މިގޮތުން ހައުސިންގ މިނިސްޓްރީން ވަނީ މާލޭގައި އެންމެ ބޮޑަށް މަރާމާތުކުރަންޖެހިފައިވާ މަގުތައް ފާހަގަކުރައްވާ، އެމަގުތައް މަރާމާތު ކުރެއްވުމުގެ މަޝްރޫޢު މާދަމާ ފެއްޓެވުމަށް ނިންމަވާފައެވެ.  

މާލޭގެ މަގުތައް ރަގަޅު ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި "ޑްރެއިނޭޖް ސިސްޓަމް"ތައް ހަރުކޮށް، މަގުތައް ލެވެލް ކުރެވޭނެއެވެ. އަދި ދުވާރާއި، މަގުތަކުގައި އަތުރާފައިވާ ގާތައް އައުކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ދުވާރުތައް ބަދަލުކުރެވިގެން ދާނެއެވެ. ހަމައެހެންމެ، އެކިކަހަލަ ކޭބަލްތައް ވަޅުލުމަށް އިރުއިރުކޮޅުން މަގުތައް ކޮންނަން ނުޖެހޭނޭހެން އެންމެ ޒަމާނީ "ޖަންކްޝަން ބޮކްސް"ތަކެއް ޤާއިމުކުރުމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ ގޮތުން ފުރަތަމަ މަސައްކަތް ކުރިއަށްގެންދަވަން ހަމަޖެހިފައިވަނީ މަޖީދީ މަގުގެ ހުޅަނގު ކޮޅުންނެވެ. އެގޮތުން މަޖީދީމަގު 200 މީޓަރުން 9 ބަޔަަކަށް ބަހާލައިގެން ކޮންމެ ބައެއް ދެހަފްތާތެރޭގައި ނިންމަވާގޮތަށް ހައުސިންގ މިނިސްޓްރީން ވަނީ ރާއްވަވާފައެވެ.

ހައުސިންގ މިނިސްޓަރގެ ނާއިބު ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މަގުތައް ހެދިގެންދާނީ ގައު ނަގާ، އެއްވަރުކުރުމަށްފަހު އަލުން ގައު އަތުރައިގެން ކަމަށެވެ. އަދި ފެންބޮޑުވުމުގެ މައްސަލަ ޙައްލު ކުރެއްވުމުގެ ގޮތުން ކާނުތައް ބަދަލުކޮށް، މިހާރު ހުރި ކާނުތަކުގެ ސައިޒް ދެގުނައަށް ބޮޑުކޮށް، ކާނުތައް ގުުޅާލެވި، ކާނުތަކަށް އެޅޭފެން ވަކި ދިމާލަކުން މޫދަށް ބޭރުވާ ނިޒާމެއް ޤާއިމު ކުރެވިގެން ކަމަށެވެ.

މުއްތަލިބު ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާނީ 24 ގަޑިއިރު މަަސައްކަތްކުރާގޮތަށް ކަަމަށާއި، އަދި މިކަމުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތައް ވީހާވެސް ކުޑަވާނެގޮތަށް ރޭވިގެން ކަަމަށެވެ. މާލޭ މަގު ހެދުމުގެ މަޝްރޫޢާއެކު މާލޭގެ ޓްރެފިކް އިތުރަށް ބާރު ބޮޑުވެގެންދާނެއެވެ. ފުލުހުން ވިދާޅުވީ ކޮންމެ ފޭސް އަކާއި ގުޅިގެން ބަންދުކުރެވޭނެ ސަރަޙައްދާއި އެއާއި ގުޅިގެން ޓްރެފިކަށް އަންނާނެ ބަދަލުތަކުގެ މަޢުލޫމާތުތައް އާއްމުކުރައްވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވާ މަޖީދީ މަގު ހުޅަނގުކޮޅުން، މަގު ހެދުމަށްޓަކައި ކަނބާއައިސަ ރަނި ހިނގުމާއި ޝަހީދު އަލީ ހިނގުމުގެ ވަކި ހިސާބަކުން ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.  

ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙުމަދު ސުޖާޢު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ފަށާ ސަރަޙައްދުގައި ޕާކިންގ އޭރިއާގައި ހުސްކޮށް، ކަނބާ އައިސަ ރަނި ހިނގުމާއި، ޝަހީދު އަލީ ހިނގުމުގެ ދެފަރާތުގައި ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. ސުޖާއު ވިދާޅުވީ ކުރިއަށްއޮތްތާގައި މަގުތަކުގައި އިތުރަށް ބާރުބޮޑުވެގެންދާނެތީ އެކަމަށް ފުލުހުން ތައްޔާރުވެފައިވާ ކަަމަށެވެ. އަދި މިކަމުގައި އާއްމުންގެ އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މާލޭގެ މަގުތައް ރަގަޅު ފެންވަރަކަށް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢޫގެ މަސައްކަތް ނިންމެވުމަށް ކަނޑައަޅުއްވާފައިވާ ތާރީޙަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި މަގުތަކުގައި މަސަައްކަތް ނިމުމުން އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.