ޚަބަރު

ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަން މިއަދު ހަވީރަށް ހަމައަށް!


  • މި ފުރުޞަތު ހުޅުވާލާފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް

  • އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ 5 ދާއިރާއެއްގައި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ދެވަނަ ބުރުގައި ވޯޓުލާ ދާއިރާތަކަށް ރީ-ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރު ބޭއްވުމަށް ހަމަޖެހިފައިވާ ހއ.ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ.މާވަށް، އަދި ފުވައްމުލައް ސިޓީގައެވެ. އެގޮތުން، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު، މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި އިންތިޚާބުގެ ފުރަތަމަ ބުރުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ދެވަނަ ބުރުގައި ރަޖިސްޓަރީ ވެފައިވާނީ މާލެއަށް ކަމަށެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، ހއ.ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ.މާވަށް، ފުވައްމުލައް ސިޓީ، ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައި ކަމަށް ވިދާޅުވިއެވެ.

'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ. 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެއެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ ނުވަތަ އިންތިޚާބާބެހޭ މަރުކަޒުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އަދި 1414 އަށް ގުޅައިގެންވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.

މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓްރީވެފައިވާ ވޯޓުފޮށީގެ މައުލޫމާތު (VR space IDNO Send to 1414) މެސެޖްކޮށްގެން ނުވަތަ އިލެކްޝަންސް ކޮމިޝަންގެ އޮންލައިން ރަޖިސްޓްރީ ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ.