ޚަބަރު

މިދިޔަ އަހަރު ނޭވާލާ ނިޒާމުގެ ބަލިތަކުގެ 3 ލައްކައަށްވުރެ ގިނަ ކޭސް


  • އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސް

  • އަރިދަފުސް ރޯގާ ޖެހިގެން 369232 ކޭސް ރިޕޯޓުކުރި

މިިދިޔަ އަހަރު ނޭވާލާ ނިޒާމްގެ އެކި ބަލިތައް ޖެހިގެން 370،000އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތައްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2025ވަނަ އަހަރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ތެރެއިން ޑެންގީގެ 2611 ކޭސްއަކާއި ޗިކުންގުންޔާގެ 5 ކޭސްއެއް ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނޭވާލާ ނިޒާމްގެ ބަލިތަކެވެ. އޭގެ 370593 ކޭސް ރިޕޯޓްކޮށްފައިވާއިރު އެންމެ ގިނައީ އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކުރި ކޭސްތަކެވެ. މިދިޔަ އަހަރު އަރިދަފުސް ރޯގާ ޖެހިގެން 369232 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި އިންފުލުއެންޒާގެ 1178 ކޭސްއާއި ކޮވިޑްގެ 183 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

އާންމުކޮށް ރިޕޯޓްކުރާ އެހެނިހެން ބަލިތަކަށް ބަލާއިރު މިދިޔަ އަހަރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 21986 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ފާނަ ބަސަންދުގެ 2537 ކޭސް ރިޕޯޓްކޮށްފައިވާއިރު ލޮލު ރޯގާގެ 52148 ކޭސް އަދި ހޭންޑް ފުޓް އެންޑް މައުތުގެ 188 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މުހިއްމުކަމެކެވެ. އެގޮތުން މިދިޔަ އަހަރު މާލެ ސަރަޙައްދުގައި ވެކްސިންޖަހާ 2 މަރުކަޒެއް އިތުރުކޮށްފައިވާއިރު ޤައުމީ ވެކްސިން ތާވަލަށް 2 ވެކްސިންއެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. 2025 ވަނަ އަހަރުވެސް ވަނީ ވެކްސިން ކޯލްޑް ޗެއިނަށް ބޭނުންވާ ސާމާނު މުޅިރައްޖެއަށް ފޮނުވުމުގެ މަސައްކަތްވެސް ކޮށްފައެވެ. އެގޮތުން 134 ރެފްރިޖަރޭޓަރ އަދި ފްރީޒަރ ފޮނުވާފައިވެއެވެ. 210 ވޯލްޓޭޖް ސްޓަބްލައިޒަރއާއި 120 ފްރީޒް ޕްރީ ކެރިއަރ އަދި އައިސް ބޮކްސްއާއި 1167 ފިނިހޫނުމިން ބަލާ ޑިވައިސްތައް މިދިޔަ އަހަރު ވަނީ ފޮނުވާފައެވެ.

ރާއްޖޭގައި މީހުން މަރުވާ މީހުންގެ %84 އަކީ ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ މީހުންނެވެ. މިފަދަ ބަލިތައް ދުރާލާ ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު މިދިޔަ އަހަރު 12 އަތޮޅަކުން 30630 މީހުން ސްކްރީންކޮށްފައިވެއެވެ. ސްކްރީން ކުރުމުގައި ކެންސަރާއި ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ފުއްޕާމޭގެ ބަލިތައް ފަދަ ކަންކަމަށް ބަލައެވެ.

އެޗްޕީއޭއިން އާންމުކުރި އެހެންހެން ތަފާސްހިސާބުތަކަށް ބާލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް މިދިޔަ އަހަރު ސިޒޭޝަންގެ ޚިދުމަތްވެސް މުޅި ރާއްޖެއަށް ވަނީ ފުޅާކޮށްފައެވެ. އެއާއެކު 2003 މީހަކަށް ސިޒޭޝަންގެ ޚިދުމަތް ވަނީ ދީފައެވެ. އަދި ނޭޝަނަލް ކުއިޓް ލައިންގެ ޚިދުމަތް 770 މީހަކަށް ދިފައިވާއިރު މިދިޔަ އަހަރު 375 މީހަކު ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލާފައެވެ.

2025 ވަނަ އަހަރު ވަންގަވް މެދުވެރިކޮށް 803 މީހުން ވީކްވިސާ މެޑިކަލްސް ސްކްރީން ހެދިއިރު އޭގެ ތެރެއިން 258 މީހުން ފިޓް ނޫންކަމަށް ކަނޑައަޅާފައިވެއެވެ.

ބިދޭސީންގެ ވޯކްވިސާއަށް ބޭނުންވާ މެޑިކަލްގެ އިތުރަށް ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ޔެލޯފިވާ އުޅޭ ޤައުމުތަކުން ރާއްޖެއަންނަ މީހުން ސްކްރީން ކުރަމުންދެއެވެ. 2025 ވަނަ އަހަރު ވީއައިޭއިން 6748 މީހުން ސްކްރީންކޮށްފައިވެއެވެ. އަދި ސީޕޯޓްގައި އިންަރޑް އަދި އައުޓްވާޑްގެ ކްރިއަރެންސް 2562 ވެހިކަލްއަކަށް ވަނީ ދީފައެވެ.

އެޗްޕީއޭއިން މިއަހަރަށް ކުރުމަށް ރާވާފައިވާ ކަންކަމަށް ބަލާއިރު އާންމު ސިއްޙަތާ ގުޅުން ހުރި ބަލިތައް ފެތުރެމުންދާ މިންވަރު މޮނިޓަރކޮށް ދުރާލާ އިންޒާރުދޭ ނިޒާމް ޤާއިމްކުރުމާއި ދުރާލާ ރައްޔިތުންނަށް މަޢުލޫމާތު ދިނުން ހިމެނެއެވެ. އަދި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްކޮށް ސްކްރީންކުރުމާއި ޓެސްޓުކުރުން އިތުރުކޮށް ސަވައިކަލް ކެންސަރ ރާއްޖެއިން ނައްތާލުމަށް މަސައްކަތް ކުރުން ހިމެނެއެވެ. މި ނޫނަސް ޓީބީއަށް ސްކްރީންކުރުން އިތުރުކޮަށް އެ ބަލި ނައްތާލުމަާއި ޓޮބޭކޯ ކޮންޓްރޯލް މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް ހިމެނެއެވެ.