ޚަބަރު

މި ސީޒަނަށްފަހު ރޮބަޓްސަން ލިވަޕޫލް ދޫކޮށްލަނީ


ލިވަޕޫލް އަށް ކުޅެމުންދާ ސްކޮޓްލޭންޑްގެ ޑިފެންޑަރ އެންޑީ ރޮބަޓްސަން މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލާނެކަމަށް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ރޮބަޓްސަން ލިވަޕޫލް ދޫކޮށްލަނީ އެ ކްލަބާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނަށްފަހު ހަމަވުމާއި ގުޅިގެންނެވެ.

2017 ވަނަ އަހަރު 8 މިލިއަން ޕައުންޑުގެ ފީއަކަށް ހަލް ސިޓީ އިން ލިވަޕޫލް އާއި ގުޅުނު ޑިފެންޑަރ ވަނީ ލިވަޕޫލް އާއިއެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު އަދި ޔޫއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ މުސްތަގުބަލާއިމެދު ގޮތެއް ނިންމަންވީ ވަގުތު އަދި ފާއިތުވެދިޔަ 9 އަހަރު ލިވަޕޫލް އާއިއެކު ހޭދަކުރެވުނު ދުވަސްތަކާއިމެދު އަހަރެން އަބަދުވެސް ފަހުރުވެރިވާނަން." ރޮބަޓްސަން ބުނެފައިވެއެވެ.

ލިވަޕޫލްގެ ފުރަތަމަ ޓީމުން މީގެ ކުރިން ފުރުސަތު ހޯދަމުންދިޔަ ރޮބަޓްސަން އަށް މި ސީޒަނުގައި ކުޅުމުގެ ފުރުސަތު ލިބިފައިވަނީ މަދުންނެވެ.

"މި ކްލަބަކީ އަހަރެންނަށް ވަރަށް މުހިންމު ކްލަބެއް. ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ފާއިތުވެދިޔަ 9 އަހަރު އަހަރެން ފަރާތުން ދިން މެކްސިމަމް ކްލަބަށް ދޭނަން." ރޮބަޓްސަންގެ ނިންމުމާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ ވީޑިއޯ އެއްގައި ބުނެފައިވެ އެވެ.

ރޮބަޓްސަން މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން އިއުލާން ކުރިއިރު މީގެ ކުރިން އެ ޓީމުގެ ފޯވަޑް މުހައްމަދު ސަލާ ވެސްވަނީ މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން އިއުލާން ކޮށްފަ އެވެ.

މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާ ލިވަޕޫލް މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ފަސްވަނަ މަގާމުގަ އެވެ. ޕްރިމިއާ ލީގުގައި މާދަމާ ލިވަޕޫލް ނިކުންނާނީ އަމިއްލަ ދަނޑުގައި ފުލަމް އާއި ދެކޮޅަށެވެ.