ޚަބަރު

ބ. ހިތާދޫ ބިން ހިއްކަން ތައްޔާރުވެއްޖެ


  • 15 ހެކްޓަރުގެ ބިން ހިއްކާނެ

  • މަސައްކަތް ހަވާލުކޮށްފަވަނީ 1 އަހަރާ 3 މަހުން ނިންމުމަށް

  • މިއީ 137 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

ބ. ހިތާދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި މަޝްރޫޢުގެ ދަށުން ހިތާދޫއިން 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

އެމްޓީސީސީން ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް އެރަށުގައި ފެށުމަށް މިހާރު ރައްކާރުވެފައިވާކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ސާމާނު މިދިޔަމަހުގެ 27ވަނަ ދުވަހު އެރަށަށް ގެންގޮސްފައިވާކަމަށެވެ. މިހާރު ކުރަމުންދަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ފަޅުތެރޭގައި ބައުންޑް ވޯލް ޖެހުމުގެ މަސައްކަތެވެ.

ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމަންޓް އަދި 25 މީޓަރުގެ 6 ފައިކަށި ލުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 137 މިލިޔަން ރުފިޔާއަށް 1 އަހަރާ 3 މަސް ދުވަހުން ނިންމާގޮތަށެވެ.


ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އެރަށަށް ކުރެއްވި ދަތުރުފުޅުގައިވެސް ރައްޔިތުންގެ ފަރާތުން ކައުންސިލުން އެންމެ ބޮޑަށް އެދިލެއްވި ކަމަކީ، ރަށުގެ ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށެވެ. ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން، ބޯހިޔާވަހިކަމުގެ ފުރުޞަތުތައްތައް ރަށުގައި ބަންދުވެފައިވާކަން ފާހަގަކުރިއެވެ.

ބ. ހިތާދޫއަކީ 1400އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އާބާދީ އިތުރުވަމުންދިއުމާއެކު، ރަށުގެ ބިން ވަނީ މުޅިންހެން ފުރިފައެވެ.

ބިން ހިއްކުމުގެ މަޝްރޫޢުއާއެކު، ބޯހިޔާވަހިކަމަށް ބިން ލިބި، ރަށުގައި އިޤްތިޞާދީ ފުރުޞަތުތައް ފަހިކުރުމަށްވެސް ބިން ލިބިގެންދާނެއެވެ.