ތިމާވެށި

ފުވައްމުލަކު ފަރަށްއެރި ބޯޓުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވޭ


ވިއެޓްނާމްގެ އާގް ބޯޓް ފުވައްމުލައް ސިޓީގެ ފަރަށް އެރުމުގެ ސަބަބުން އެބޯޓް އުރުނު ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، ބޯޓް އުރުނު ސަރަޙައްދަށް ލިބިފައިވާ ގެއްލުން ބެއްލެވުމުގެ ގޮތުން ސާރވޭއެއް ކުރައްވާފައިވާ ކަމަށާއި، އެސަޙަރައްދުގެ ފަޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މި ސާރވޭއިން ދައްކާތީ، އެބޯޓް ޖޫރިމަނާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ބޯޓް ޖޫރިމަނާ ކުރައްވާނެ ޢަދަދު މިހާރު ނިންމަވާފައިވާ ކަމަށާއި މިކަމުގެ ތަފްޞީލް، ސާރވޭ ރިޕޯޓާއެކު ޢާންމުކުރައްވާނެ ކަމަށް ނަޢީމް ވިދާޅުވިއެވެ.

މި ބޯޓް ރާއްޖެއިން ފުރުމުގެ ހުއްދަ ދެއްވުމަށް ހަމަޖެހިފައިވަނީ ލިބުނު ގެއްލުމުގެ ޖުރުމަނާ ފައިސާ ދެއްކޭނެ އުޞޫލުތައް ކަނޑައެޅުމަށްފަހު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެފައިވެއެވެ. ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ސާމާނު ހިފައިގެން އެރަށަށް ދިޔަ މިބޯޓް ފުންކުރެވިފައިވަނީ ބޯޓް ފަރަށް އެރިތާ މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. މިބޯޓަކީ ވިއެޓްނާމްގައި ރަޖިސްޓްރީކޮށްފައިވާ "އެމްވީ އެން.ޖީ.އޯ.ސީ، ސަން" ނަމަކަށް ކިޔާ ބޯޓެކެވެ.