ތިމާވެށި

މޫސުމާބެހޭ މަޢުލޫމާތު ޙިއްޞާކުރުމާގުޅޭ ވޯކްޝޮޕް ނިންމާލައިފި


މޫސުމާބެހޭ މަޢުލޫމާތު ޙިއްޞާކުރައްވާއިރު، މޫސުމަށް އަންނަ ބަދަލުން ލިބިދާނެ ގެއްލުމުގެ މަޢުލޫމާތާއެކު މޫސުމާބެހޭ މަޢުލޫމާތުތައް ޢާއްމު ކުރެއްވުމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، ކަމާއިގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

ކަމާގުޅުން ހުރި އިދާރާތަކުން ޖުމްލަ 30 މަންދޫބުން ބައިވެރިވި، މި ބައްދަލުވުން ބޭއްވެވީ ދުނިޔޭގޭ މޫސުމީ އިދާރާގެ ފަންނީ މާހިރުންނެވެ.

މި ބައްދަލުވުމުގައި، މޫސުމާ ބެހޭގޮތުން އިންޒާރުދޭއިރު، އެ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް، އަދި އެއިން ކޮށްފާނޭ ގެއްލުންތައް ކުރިޔާލައި ދެނެގަނެ ޢާއްމުންގެ ސަމާލުކަމަށް އެކަން ގެނެވޭނެއެވެ.

މޫސުމާބެހޭ އިދާރާގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް، ޢަލީ ޝަރީފް ވިދާޅުވީ، މިހާރު މޫސުމާބެހޭ އިންޒާރު ޢާއްމު ކުރައްވާއިރު، އެހާ ތަފްޞީލް މައުލޫމާތު ޢާއްމުންނާ ޙިއްޞާކުރެއްވެމުން ނުދާކަމަށާއި، މި ޤާއިމްކުރެވޭ ނިޒާމްގެ ތެރެއިން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ޙިއްޞާކުރެވިގެން ދާނެކަމަށެވެ.

މިމަހުގެ 26 ފެށިގެން މިއަދުގެ ނިޔަލަށް ބޭއްވި މަސައްކަތުގެ ބައްދަލުވުމުގައި، ރާއްޖެއަށް މިހާރު ކުރިމަތިވާ މޫސުމީ މައްސަލަތައް ދެނެގަނެ، ރިޕޯޓްކުރެއްވުމުގައި ސަމާލުކަންދޭންވީ ކަންކަމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އެގޮތުން ސުނާމީ، އުދައެރުން، އަދި އިރުވައި މޫސުމާއި، ހުޅަނގު މޫސުމުގައި ކުރިމަތިވާ ޤުދުރަތީ ޙާދިސާތަކާއި ކާރިސާތަކުގައި ގެއްލުން ލިބޭނޭ މިންވަރު ދިރާސާކޮށް، އެކި މަރުޙަލާތަކުގައި ފިޔަވަޅު އަޅަންވީ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ހަމަ އެއާއެކު، ކާރިސާތަކުގައި ކަމާގުޅުންހުރި އިދާރާތަކުން، މަޢުލޫމާތު ޢާއްމުކުރާނޭ މިންވަރާއި މަޢުލޫމާތު ޙިއްޞާކުރަން ބޭނުންކުރާނޭ ވަޞީލަތްތަކާމެދުވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ޤުދުރަތީ ޙާދިސާތަކުން ލިބޭ ގެއްލުން އަންދާޒާކޮށް، ދުރާލާ ތައްޔާރުވުމާބެހޭ މައުލޫމާތު ހިމެނޭ ގޮތަށް މޫސުމީ މަޢުލޫމާތުތައް ޙިއްޞާކުރެއްވުމަށް ކަމާގުޅުންހުރި އިދާރާތަކުގެ އެހީގައި ފެއްޓެވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

"އިމްޕެކްޓް ބޭސްޑް ފޯކާސްޓިންގް" އަދި "ރިސްކް ބޭސްޑް ވޯނިންގް" ގެ ނިޒާމް ރާއްޖޭގައި އިފްތިތާޙް ކުރެއްވުމަށް މަސައްކަތް ފަށްޓަވާފައިވާއިރު މިކަމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް، ޤައުމީ މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ.