ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ހަމަލާދިންތާ 1 އަހަރު


28 ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ ހެނދުނު މުޅި ދިވެހި ޤައުމު ސިއްސުވާލީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދަތުރުކުރެއްވި ލޯންޗްކޮޅު ގޮއްވާލި ޙާދިސާގެ ޚަބަރުތަކުންނެވެ.

މި ހާދިސާ ހިނގާފައިވަނީ، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު މާލެވަޑައިގެންނެވި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ޢިއްޒުންދީން ފާލަމާ ކައިރިކުރަމުން ދިޔަ ވަގުތުއެވެ. މި ޙާދިސާއަށް މިއަދު 1 އަހަރު ފުރޭއިރު މި ޙާދިސާއާއި މިޙާދިސާއާ ގުޅިގެން ފެންމަތިވި އެކި ކަންކަމަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށާއި، ޤައުމީ ސަލާމަތުގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވި ކަންތައްތަކެކެވެ.

ދިވެހިރާއްޖޭގެ ތާރީޚްގައިވެސް ރައީސުލްޖުމްހޫރިއްޔާއަކު އަވަހާރަކޮށްލުމަށް ދިން އެންމެ ނުރައްކާތެރި ޙަމަލާކަމުގައިވާ މި ޙަމަލާގައި، ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންމަވެސް އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމަށް މިޙާދިސާގައި އަނިޔާވެ މަހަކަށްވުރެ ގިނަދުވަހު އައި.ޖީ.އެމް ހޮސްޕިޓަލްގައި އެޑްމިޓްކުރައްވައިގެން ފަރުވާދެއްވާފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14612528595129.jpg|ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ކޯޓަށް ހާޒިރުކުރަނީ - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

މިޙަމަލާގެ ތަޙްޤީޤަށް ދިވެހި ސަލާމަތީ ބާރުތަކުގެ އިތުރުން ސަޢޫދީ ރަސްގެފާނުގެ ޚާއްޞަ ފޮރެންސިކް ވަފްދަކާއި އެމެރިކާގެ އެފް.ބީ.އައިއާއި، އިންޑިއާގެ ވަފްދެއް ވަނީ ޙަރަކާތްތެރިވެފައެވެ. ތަޙްޤީޤަށް ކުރިއެރުންތައް ލިބެމުންދިޔަ ވަރަކަށް މިއީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ބަޔަކު ރާވައިގެންދިން ޙަމަލާއެއްކަން ހާމަވެ، މިއީ އޭރުގެ ނާއިބުރައީސް އަޙްމަދު އަދީބުގެ ރޭއްވެވުމުގެ ދަށުން ހިންގި ކަމެއްކަން ވަނީ ހާމަވެފައެވެ. މިއާއެކު އަޙްމަދު އަދީބާއި، އޭނާއާ ގުޅުން ހުރި ފަރާތްތަކެއް ހައްޔަރުކުރައްވައި ފުޅާ ދާއިރާއެއްގައި މައްސަލަ ތަޙްޤީޤްކުރައްވަން ފެއްޓެވިއެވެ.

މިމައްސަލައިގެ ތަޙްޤީޤް ކުރިއަށްދިޔަ ވަރަކަށް މިކަމާ ގުޅުންހުރި ތަފާތު އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކަކާއި، ޢާންމު ފަރާތްތަކުން ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިމައްސަލައިގެ ތަޙްޤީޤުގެ ތެރެއިން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދެވި އޮޕަރޭޝަނެއްގައި ބ. ހިބަޅިދޫ ފަޅުތެރެއިން ގިނައަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ފެނިފައިވެއެވެ. އަދި ތަޙްޤީޤަށް ބަލައި ފާސްކުރި ގޭގެއިން ގޮވާތަކެތި އުފައްދާ ސާމާނާއި، ފިސްތޯލައެއް ފެނިފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14564805172753.jpg|ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ދުވަހު ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް އެމަނިކުފާނުގެ ލޯންޗްކޮޅަށް ދިން ޙަމަލާ ނާކާމިޔާބުވުމާ ގުޅިގެން އެކަމުގެ އަޑީގައި ތިބި ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގެ ކައިރީގައި ގޮވާތަކެތި ހަރުކޮށް އެމަނިކުފާނު އަވަހާރަކޮށްލުމަށް މަސައްކަތް ކޮށްފައިވެއެވެ. އޭގެ އިތުރުން ދުރުގައި ހުރެ އަމާޒަށް ބަޑިޖަހާ ސްރީލަންކާގެ ސްނައިޕަރެއް ބޭނުންކޮށްގެންވެސް ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައިވެއެވެ. ސަލާމަތީ ބާރުތަކުން ވަނީ މިހުރިހައި ރޭވުންތައް ނާކާމިޔާބުކޮށްލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތްކުރަމުން ދިއުމާއި، އެކަމާ ގުޅުންހުރި އެތައް ކަންތައްތަކެއް ފެންމަތިވެ ދިވެހިރައްޔިތުންގެ ރައްކާތެރިކަމާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވުމުން 4 ނޮވެމްބަރު 2015 ވަނަ ދުވަހު ވަނީ ރާއްޖޭގެ ތާރީޚްގައި 2 ވަނަ ފަހަރަށް ކުށްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.

މާލޭގައި ބޮމެއް ގޮއްވާލާނެކަމުގެ އެތައް އިންޒާރުތަކެއް ސަލާމަތީ ބާރުތަކަށް މި މުއްދަތުގައި ލިބިފައިވެއެވެ. އަދި ހަނގުރާމަވެރި ހަތިޔާރު ޢާންމު ފަރާތްތަކުން ގެންގުޅެމުންދާކަމުގެ ކަށަވަރު މަޢުލޫމާތު ސަލާމަތީ ބާރުތަކަށް ލިބިވަޑައިހެން، މާލޭގެ އެތައް ގެއެއް ސަލާމަތީ ބާރުތަކުން ވަނީ ބަލައި ފާސްކުރައްވާފައެވެ. އަދި ބައެއް ތަކެތި ސަލާމަތީ ބާރުތަކުގެ ބާރުގެ ދަށަށް ގެންދަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޙަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުންނެވިކަމަށް ޝަރިއްޔަތުގައި ސާބިތުވެ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް 15 އަހަރުދުވަހުގެ ޖަލުޙުކުމެއް ކޯޓުން ވަނީ އިއްވަވާފައެވެ. އަދި އަދީބުގެ ދެ ބޮޑީގާޑުންވެސް މިކަމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/5845.jpg|ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހޯދި ބައެއް ހަތިޔާރު - ފޮޓޯ: ޕީއެސްއެމް ނިއުސް

މިމައްސަލައިގެ ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ސާބިތުވެ ކުރީގެ ސިފައިންގެ އިންޓެލިޖެންސް ވެރިޔާ، ކާނަލް އަޙްމަދު ފަޔާޒްގެ މައްޗަށް ވަނީ 2 އަހަރާއި 3 މަހާއި 18 ދުވަހުގެ ޖަލުޙުކުމެއް އިއްވަވާފައެވެ. މީގެ އިތުރުން ރައީސްގެ ލޯންޗްކޮށްޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ހެކި ނައްތާލުމަށް މަސައްކަތް ކުރިކަމުގެ ކުށް ސިފައިންގެ އިތުރު 2 މީހެއްގެ މައްޗަށްވެސް ވަނީ ސާބިތުވެފައެވެ.

ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ފެންމަތިވި ބ. ހިބަޅިދޫން ހަތިޔާރުތަކެއް ފެނުނު މައްސަލައާއި، ސްރީލަންކާގެ ސްނައިޕަރެއް ބޭނުންކޮށްގެން ރައީސް އަވަހާރަކޮށްލުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ކުރީގެ ނާއިބުރައީސާއި، ސިފައިންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ކާރނަލް އަޙްމަދު ފަޔާޒްގެ މައްޗަށް ކުރެއްވި ދަޢުވާގެ ޝަރީއަތްތައް މިހާރުވެސް ކްރިމިނަލް ކޯޓްގައި ކުރިއަށްދާއިރު، މިކަންކަމާ ގުޅުންހުރި އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް މިހާތަނަށް ވަނީ ޖުމްލަ 33 އަހަރުގެ ޖަލުޙުކުމް އިއްވަވާފައެވެ.

img:http://s1.psmnews.mv/images/660x400/5844.jpg|ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހޯދި ބައެއް ހަތިޔާރު - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ރައީސް އަވަހާރަކޮށްލުމަށް ދިން ޙަމަލާއަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަޙްގެ އެންމެ މަތީފަޑީގައި އޭރު ޙަރަކާތްތެރިވަމުން ދިޔަ އޭރުގެ ނާއިބުރައީސް އަޙްމަދު އަދީބާއި، އޭނާއާ ގުޅުން ހުރި ފަރާތްތަކާއި އޭނާއަށް ވާގިވެރިވެދޭ ގިނަ ފަރާތްތަކެއްގެ މައްޗަށް ޖިނާޢީ އެކި ކުށްތަކުގެ ތުހުމަތުތައް ކުރެވި، ސިޔާސީ މަސްރަޙުން އެކަހެރިވެގެން ދިޔައެވެ. އަދި އޭގެތެރެއިން ބައެއް މީހުން ފިލައިގެން ރާއްޖެއިން ބޭރަށްވެސް ގޮސްފައިވެއެވެ.

ރައީސް އަވަހާރަކޮށްލުމަށް ދިން ޙަމަލާއާ ގުޅިގެން ކުރިމަތިވި އެކި މައްސަލަތަކާ ގުޅިގެން ސަލާމަތީ ބާރުތަކުގެ ހިންގެވުން ހަރުދަނާ ކުރެއްވުމަށްޓަކައި އެކި ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ އަޅުއްވާފައެވެ. އެގޮތުން ކޮމިޝަން އޮފް ނޭޝަނަލް އެންކުއަރީ އުފެއްދެވުމާއި، އެމް.އެން.ޑީ.އެފްގެ ބަޑިގުދަނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރެއްވުމާއި، ސަލާމަތީ ބާރުތަކުގެ އިސް މަޤާމުތަކަށް ބަދަލުގެންނެވުން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސެކިއުޓީ ބެލެހެއްޓެވުމަށްޓަކައި ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޜަން އެކުލަވާލައްވައި، އެމަނިކުފާނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރައްވާފައިވެއެވެ.

2015 ސެޕްޓެމްބަރު 28 ވަނަ ދުވަހަކީ ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖޭގެ ޤާނޫނީ ވެރިކަން ފުރޮޅާލުމަށް ބަޔަކު ކުރި ހީލަތްތެރި މަސައްކަތްތަކެއް ނާކާމިޔާބު ވެގެންދިޔަ ދުވަހެކެވެ. މި ޙަމަލާ ކާމިޔާބުވިނަމަ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ފުރޮޅި ޤައުމަށް ޣައްދާރުވި މަކަރުވެރި، ބައެއްގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން ބަދަލުވެގެންދާނެކަމަށް ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން ރައީސަށް އަމާޒުކޮށް ދިން މިޙަމަލާ ނާކާމިޔާބުވުމަކީ މުޅިދިވެހި ދައުލަތާއި ރައްޔިތުންނަށް ލިބިގެންދިޔަ ކާމިޔާބީއެކެވެ. އެހެންކަމުން 28 ސެޕްޓެމްބަރު ވަނަ ދުވަހަކީ ދިވެހި ރައްޔިތުންނަށް ނަޞްރު ލިބުނު ދުވަހެކެވެ. އެއީ ދިވެހިރާއްޖެ ހަމަނުޖެހުމާއި ފަސާދައިގެ ތެރެއަށް ވެއްޓުނަދުދީ ސަލާމަތްވި ތާރީޚީ ދުވަހެކެވެ.