ޚަބަރު

ތުއްތު ކުދިންނަށް ފަރުވާދިނުމާގުޅޭ ޚާއްޞަ ވަރކްޝޮޕް ނިމިއްޖެ


ޞިއްޙީ ޙިދުމަތްދޭ ތަންތަނުގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ތުއްތުކުދިންނަށް ފަރުވާދިނުމުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ބޭއްވެވި މަސައްކަތު ބައްދަލުވުން ނިންމަވާލައިފިއެވެ.

"ޓްރެއިނިންގ އޮފް ޓްރެއިނާރސް އޮފް ފެސިލިޓީ ނިއުބޯން ނާރސިންގ" ގެ ނަމުގައި 3 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ ވަސީލަތްތައް މަދު ޞިއްޙީ ޙިދުމަތްދޭ ތަންތަނުގައި، އުފަންވާ ކުދިންނަށް  އެތަނެއްގައި ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ފަރުވާދެވޭނެގޮތް ދަސްކޮށްދިނުމުގެ މަޤުޞަދުގައި ހިންގުނު ވަރކްޝޮޕެކެވެ.

އުފަންވާ ކުދިންގެ ތެރެއިން ފުރާނައަށް ނުރައްކާވާޙާލަތުގައި ތިބޭ ކުދިންނަށް ފުރަތަމަ ހަފްތާގައި ދެވޭނެ ފަރުވާތަކާއި ގުޅޭ މަޢުލޫމާތު މި ވަރކްޝޮޕްގެ ބައިވެރިންނަށް ދީފައިވެއެވެ. އަދި އެފަދަ ކުދިންގެ ޙާލަތު އާންމު ޙާލަތަކަށް ގެނެވެންދެން ނުވަތަ ޙާއްޞަ ފަރުވާ ލިބޭނެ އިންތިޒާމު ޤާއިމުކޮށްފައިވާ މަރުކަޒަށް ގެންދެވެންދެން އެ ކުދިންގެ ޙާލަތު އިތުރަށް ގޯސްވިޔަ ނުދީ ފަރުވާދެވޭނެގޮތް މި ވަރކްޝޮޕްގެ އަލީގައި ބައިވެރިންނަށް ކިޔާދީފައިވެއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަގުޞަދަކީ ޅަފަތުގައި މަރުވާކުދިންގެ ޢަދަދު ދައްކުރުމާއި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކުރެއްވުންކަމަށް އެޗް.ޕީއޭއިން ވިދާޅުވެއެވެ. މި ވޯކްޝޮޕްގައި އައިޖީއެމްއެޗާއި އޭޑިކޭ ހޮސްޕިޓަލްގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެފައިވެއެވެ.