ޚަބަރު

ބީއެމްއެލް ބްރާންޗު އަދި އޭޓީއެމް ވިއުގަ ފުޅާކޮށްފި


  • ބީއެމްއެލްގެ 6 ބްރާންޗެއް ވަނީ އިފްތިތާޙްކޮށްފައި

  • 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓިއެމް އިފްތިތާޙުކުރި

  • މިދިޔަ އަހަރު އޭޓީއެމް މެދުވެރިކޮށް 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވޭ

ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗު އަދި އޭޓީއެމް ވިއުގަ ފުޅާކުރުން ފާހަގަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އައު "ބްރާންޗް ނެޓްވޯކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރޭ އިފްތިތާޙްކޮށްފައިވަނީ ބީއެމްއެލްގެ 6 ބްރާންޗެވެ. އެއީ، ހދ. ހަނިމާދޫއާއި، ހދ. ކުޅުދުއްފުއްޓާއި، އއ. ތޮއްޑޫއާއި، ތ. ވިލުފުށީގެ އިތުރުން ލ.ހިތަދޫއާއި، ސ. ހުޅުދޫގެ ބީއެމްއެލް ބްރާންޗެވެ.

މި ބްރާންޗްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވި ބްރާންޗަކީ ވިޔަފާރިތަކަށް ޚިދުމަތް ދިނުމަށް ޚާއްސަ ކޮށްފައިވާ ބިޒްނަސް ސެންޓަރެކެވެ. މާދަމާއިން ފެށިގެން މި ބްރާންޗްތަކުން ޚިދުމަތް ލިބޭނެއެވެ. މީގެ ކުރިންވެސް ބޭންކުން އިޢުލާންކޮށްފައިވާ ގޮތަށް، މި ބްރާންޗްތައް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބީ.އެމްއެލްއިން ވިދާޅުވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ހުރިހާ ކަމެއް ޑިޖިޓަލްވެގެން ދާ ޒަމާނެއްގައި، ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއްނޫން ކަމަށެވެ. އެހެންކަމުން މި ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗުތަކުގައި ތިބޭނެ މުވައްޒަފުންނަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

" އެމުވައްޒަފުންގެ ރޯލަކީ ގޭގެއަށްވެސް އަދި ވިޔަފާރިތަކަށްވެސް ޒިޔާރަތް ކުރުން. ބްރާންޗް ޤާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރުވެސް ކުރުން. ބޭންކުގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ފައިނޭންޝަލް ލިޓެރަސީ ކުރިއެރުވުމާއި، ސްކޭމްތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރު ކުރުން. ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްވަމުން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެން މިތިބީ ކަސްޓަމަރުންނާ ވަރަށް ގާތުން ޚިދުމަތް ދިނުމަށް ތައްޔާރުވެގެން." ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތައްވެސް އިފްތިތާޙް ކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބީއެމްއެލްގެ 90 އޭޓީއެމްގެ ތެރޭގައި 70 ޑޮލަރު އޭޓީއެމްއާއި އިތުރަށް ބަހައްޓާ ދިވެހި ރުފިޔާގެ، 20 އޭޓީއެމް ހިމެނެއެވެ.

ޑޮލަރު އޭޓީއެމްތައް ބަހަޓާފައިވާ އަތޮޅުތައް

- ހއ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
- ހދ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
- ށ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
- ނ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
- ރ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
- ބ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
- ޅ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ކ. އަތޮޅު: 10 ޑޮލަރު އޭޓީއެމް
- އއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- އދ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
- ވ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ފ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
- މ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ދ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
- ތ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
- ލ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ގއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ގދ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ޏ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
- ސ. އަތޮޅު: 5 ޑޮލަރު އޭޓީއެމް

މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2025 ވަނަ އަހަރު މުޅި އޭޓީއެމް ނެޓްވާރކަށް 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ، ރާއްޖެ ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން 7 އަރބަން ސެންޓަރާއި، ސިޓީތަކުގެ އިތުރުން ލޯކަލް ޓުއަރިޒަމް ފުޅާވެފައިވާ ރަށްރަށުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމެވެ.

"މުޅި ރާއްޖޭގައި އޭޓީއެމް" ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން ވަނީ، މީހުން ދިރިއުޅޭ ރަށްތަކުގައި އޭޓީއެމްތައް ބަހައްޓާފައެެވެ. މިމަސައްކަތް ބޭންކް އޮފް މޯލްޑިވްސްއިން ނިންމާފައިވަނީ، 9 މަސް ދުވަހުގެ ތެރޭގައެވެ. މިއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އަސާސީ ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބަހައްޓާފައިވަނީ، 73 ރަށުގައި 138 އޭޓީއެމްއެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް 187 ރަށުގައި 340 އޭޓީއެމް ބަހައްޓާފައިވެއެވެ.