ޚަބަރު

ވެމްކޯގެ ތަފާތަކީ ޓީމު ރޫހު: އަދީލް


  • ވެމްކޯއިން ފައިނަލަށް ދަތުރުކުރީ ސީދާ 3 ސެޓުން ޕޮލިސް ބަލިކޮށްގެން

  • ފައިނަލަށް ތައްޔާރުވާން ވަގުތު ނެތް

ކުލަބް ވެމްކޯއިން ވޮލީބޯޅައިގައި ހޯދަމުން އަންނަ ކާމިޔާބީގައި އެ ޓީމުގެ ތަފާތަކީ ޓީމުގެ ރޫހު ކަމަށް ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފިއެވެ.

ވެމްކޯއިން ވިދިވިދިގެން ހަވަނަ ފަހަރަށް އެސޯސިއޭޝަން ކަޕުގެ ފައިނަލަށް ނުކުންނައިރު، އެ ޓީމުން ވަނީ މިދިޔަ ފަސް މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެންވެ، ހަވަނަ މުބާރާތަށް އެ ޓީމުން ނުކުންނާނީ ދެވަނަ ފަހަރަށް ތަށި މިލްކު ކުރުމުގެ އަޒުމުގައެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި ޕޮލިސް ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. ފައިނަލުގެ ކުރިން "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން އަދީލް ބުނީ ސެމީ ފައިނަލުގައި ވެމްކޯއިން އެންމެ ބޭނުންވި ކުޅުން ނުދެއްކުނު ކަމަށެވެ.

އަދީލް ބުނީ އެމްޓީސީސީ އަކީ މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ޓީމެއް ނަމަވެސް އެއީ ބަލި ޓީމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް އެމްޓީސީސީގައި ތިބި ބްރެޒިލްގެ ބިދޭސީ ދެ ކުޅުންތެރިންނަކީ ތަޖުރިބާކާރު މޮޅު ދެ ކުޅުންތެރިންކަން އަދީލް ފާހަގަކުރިއެވެ.

"ތައްޔާރުވާނެ ވަގުތެއް ނެތް އަސްލު ހަގީގަތުގައި. އަޅުގަނޑުމެން ބަލާނީ މެންޓަލީ އަދި ފިޒިކަލީ ތައްޔާރުވެވޭތޯ. އިރާދަކުރެއްވިއްޔާ ޓީމެއްގެ ގޮތުގައި އެންމެން މަސައްކަތްކޮށްގެން މުބާރާތް ކާމިޔާބުކުރެވޭތޯ މަސައްކަތް ކުރާނީ" އަދީލް ފާޙަގަކުރިއެވެ.

އަދީލް ބުނީ ވެމްކޯއިން ދިވެހި ވޮލީގައި މި ފަހުން ހޯދި ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ އެ ޓީމުގެ ރޫހު ކަމަށެވެ. އެގޮތުން ޓީމުގެ ތެރޭގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމަށެވެ. އަދި ވެމްކޯގެ ޓީމް ވޯކް ރަނގަޅު ކަމަށާއި، އެ ގޮތުގައި މަސައްކަތް މުބާރާތްތައް ކާމިޔާބުކުރެވޭނެ ކަމަށް އަދީލް ފާހަގަކުރިއެވެ.

މީގެ ކުރިން އަދީލް ވަނީ ވެމްކޯއާއެކު، ވޮލީބޯޅަ ސީޒަންގެ ހުރިހާ މުބާރާތެއް ވެސް ކާމިޔާބުކޮށްފައެވެ.