2027ވަނަ އަހަރުގެ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތައް ނިމި، 2029 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގައި ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރާ ޓީމުތަކާއި ކޮލިފައިން ފޭސްގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެއެވެ.
މިފަހަރުގެ ކޮލިފައިން އިން ފެށިގެން އޭއެފްސީއިން ވަނީ ކޮލިފައިންގެ އޮނިގަނޑަށް ބަދަލު ގެނަސްފައެވެ. އެގޮތުން ކޮލިފިކޭޝަން ކުރިއަށްދަނީ ދެ ފޭހަކަށް ބަހާލައިގެންނެވެ. ފޭސް އެކެއްގައި ކުޅޭނީ ޑިވެލޮޕްމަންޓް ފޭސްގެ މެޗުތަކެވެ. އެއީ ދަށު ރޭންކުގެ މެޗުތަކެވެ. އަދި ފޭސް ދޭއްގައި ކުޅޭނީ މަތީ ރޭންކުގެ ގައުމުތަކާއެވެ.
މިފަހަރުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހުނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ޑިވެލޮޕްމަންޓް ފޭސްގައި ތިން ގުރޫޕެއް އޮތެވެ. އެއިން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ވާދަކުރިއިރު ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރީ ޖުމްލަ 12 ޓީމެވެ. ރާއްޖެ ހިމެނުނީ ގްރޫޕް ކޭ ގައެވެ.
މިފަހަރުގެ ކޮލިފައިންގައި ޑިވެލޮޕްމަންޓް ފޭސްގައި ވާދަކުރި ޓީމުތަކުގެ ތެރެއިން 2029 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގް ފޭސްއަށް ޕްރޮމޯޓުވީ މި ތިން ގުރޫޕުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ރާއްޖެ ހިމެނޭ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި މިޔަންމާ ކޮލިފައިން ފޭސްއަށް ދަތުރުކުރިއިރު ރާއްޖެ ކޮލިފައިން ފޭސްއަށް ދިޔައީ ދެވަނައިގެ ގޮތުގައެވެ.
ޑިވެލޮޕްމަންޓް ފޭސްގައި ހިމެނޭ ގްރޫޕް "އައި" އިން، ދެން އަންނަ ކޮލިފައިން އެއްގައި ކޮލިފިކޭޝަން ފޭސް އިން ފުރުސަތު ހޯދީ އެއްވަނައިގެ ގޮތުގައި މޮންގޯލިއާ އަދި ދެވަނައިގެ ގޮތުގައި ގުއާމް އެވެ.
ޑިވެލޮޕްމަންޓް ފޭސްގައި ދެން ހިމެނޭ ގްރޫޕް "ޖޭ" އިން، ދެން އަންނަ ކޮލިފައިން އެއްގައި ކޮލިފިކޭޝަން ފޭސް އިން ފުރުސަތު ހޯދީ ޗައިނީޒް ޓައިޕެއި އަދި ސިންގަޕޫރެވެ.
މިފަހަރުގެ ކޮލިފައިންގައި ކޮލިފިކޭޝަން ފޭސްގައި ހިމެނުނު ގައުމުތަކުގެ ތެރެއިން، 2029 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގައި ޑިވެލޮޕްމަންޓް ފޭސްއަށް ރެލިގޭޓުވި ގައުމުތަކަކީ ފިލިޕީންސް، ބަންގްލަދޭޝް، ލާއޯސް، ހޮންގް ކޮންގް، ވިއެޓްނާމް އަދި ކެމްބޯޑިއާ އެވެ.
މިފަހަރުގެ ކޮލިފައިންގައި ރާއްޖެއިން ވާދަކުރި ގުރޫޕުގެ ދެވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ބްރޫނާއި އަތުން 0-2 އިން މޮޅުވިއިރު ދެވަނަ މެޗުގައި ލަންކާގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. ފަހު މެޗުގައި މި ގުރޫޕުގެ މެޗުތައް ހޯސްޓުކުރާ މިޔަންމާއާ ވާދަކޮށް ރާއްޖެ ބަލިވީ 0-6 ގެ ނަތީޖާއަކުންނެވެ.