ޓުއަރިޒަމް

ފަތުރުވެރިކަން ކުރިއެރުވުމާގުޅޭ ޚާއްޞަ ފޯރަމެއް ބާއްވައިފި


ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތް ވަރަށް ހަލުވި މިނެއްގައި ކުރިއަރަމުން އަންނަކަމަށާ، ކުރިއަށް އޮތް 5 އަހަރު މި ސިނާޢަތުން ބައިނަލްއަޤްވާމީ ފާހަގަކޮށްލެވޭ އިތުރު ބްރޭންޑްތަކެއް ފެނިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކުރުމާ ބެހޭ ގޮތުން ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް ހިމެނޭ ގޮތަށް ދަރުބާރުގޭގައި މިއަދު ފެއްޓެވި މަޝްވަރާ ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ ފަތުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ހިންގި ހަރަކާތްތަކުގެ ތެރެއިން ދަރުބާރުގޭގައި ބޭއްވި ފޯރަމަކީ ވަރަށް ކާމިޔާބު ފޯރަމެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ފޯރަމް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މި ފޯރަމްގެ އެންމެ ބޮޑު ބޭނުމަކީ ޓޫރިޒަމް ދާއިރާ ތަރައްޤީކުރުމަށް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ސަރުކާރާއި ކަމާބެހޭ އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް ބައްދަލުވެ މަޢުލޫމާތާއި ޚިޔާލު އަދި ތަޖުރިބާ ޙިއްޞާކުރުން ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14749886649893.jpg|ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު- ފޮޓޯ: ޢަލީ ނަޞީރު، ޕީއެސްއެމް

މިނިސްޓަރ ޒަމީރު ވިދާޅުވީ މި ފޯރަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ޓޫރިޒަމާ ގުޅުން ހުރި ތަފާތު 3 ދާއިރާއަކަށްކަމަށެވެ. މިގޮތުން މަޝްވަރާކުރެވުނީ ތިމާވެއްޓާއި ޒުވާނުން އަދި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި އޭވިއޭޝަން ދާއިރާއާ ބެހޭ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަށްރަށުގައި ތިބި ޒުވާނުން ފަތުވެރިކަމުގެ ސިނާޢަތުގެ އެކި މަސައްކަތްތަކަށް ތަމްރީނުކުރުމަށް ބައެއް އަތޮޅު ކައުންސިލްތަކާ އެކު އެއްބަސްވުންތައް އެކުލަވާލައްވާ، ސޮއިކުރައްވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މާކެޓިން މާސްޓަރ ޕްލޭނާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ ޕްލޭން އެކުލަވާލައްވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރައްވާ މަސްކަތްތައް ހަރުދަނާ ކުރެއްވުމުގެ ގޮތުން، ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކޮށް މަޝްހޫރު ކުރެވޭނެ ގޮތްތައް ބައްލަވައިގެންކަމަށެވެ. އެގޮތުން މިހާރުގެ ޓޫރިޒަމް މާކެޓްގެ ޙާލަތު އޮތްގޮތް ދެނެގަނެ، އިތުރު މާކެޓްތައް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ އަހަރު ފަށްޓަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދަރުބާރުގެ ގޭގައި ކުރިއަށްދާ މި ފޯރަމްގައި ރާއްޖޭގެ 30 ރިސޯޓަކުން މިއަދުވަނީ އެ ރިސޯޓްތަކުގެ އައުޓްރީޗްތަކުން ކޮންމެވެސް ސަރަޙައްދެއް ބަޔޯސްފިއަރ ރިސާރްވްގެ ގޮތުގައި ކަނޑައެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބ. އަތޮޅާއި ލ. އަތޮޅާއި، ގއ. އަތޮޅު އަދި މާލެ އަތޮޅުގެ އިތުރުން އއ. އަތޮޅާއި ލ. އަތޮޅުގެ ރިސޯޓްތަކުންނެވެ.

މި އެއްބަސްވުމާއެކު ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ދެގުނައަށް އިތުރުވެގެންދިޔައީކަމަށް ޓޫރިޒަމް މިނިސްޓްރީން ޤަބޫލްކުރައްވައެވެ. އަދި ރާއްޖެ މާކެޓްކުރުމުގައި މިކަމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.