ޚަބަރު

ތުރާކުނު ޞިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިފި


  • އިމާރާތް ހުޅުވައިދެއްވީ ޞިއްޙީ ވަޒީރާއި ވިޔަފާރިއާބެހޭ ވަޒީރު

  • އޮފީސް ބަޔަކާއި ޕަބްލިކް ހެލްތު ރޫމެއް ވެސް ޤާއިމުކޮށްފައިވޭ

ހއ. ތުރާކުނު ސިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.

ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ތުރާކުނު ސިއްޙީ މަރުކަޒައް އިތުރުކުރި ބައި ހުޅުވުމަށް މިއަދު އެރަށުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ތުރާކުނު ކައުންސިލްގެ އިސްވެރިންގެ އިތުރުން، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްހީ ވަޒީރު ވިދާޅުވީ މިކަމަކީ ތަނުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ލިބޭ ލުއިފަސޭހަކަމެއްކަމަށާއި، މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަވުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުވާނެކަމެއްކަމަށެވެ. ވަޒީރު ވިދާޅުވީ ކުދި އާބަދީގެ ރަށްތަކަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެހެން ހިދުމަތްތަކޭ އެއްގޮތައް ސިއްހީ ހިދުމަތްވެސް ފުޅާކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވ. އަދި އެކަމުގެ ނަތީޖާ ފެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ތުރާކުނުގައި މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ އެރަށުގެ ސިއްޙީ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވާ، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ތުރާކުނު ސިއްޙީ މަރުކަޒަކީ 8 ގަޑިއިރު ޚިދުމަތްދޭ ތަނެކެވެ. މިތަނުގައި 6 އެނދުގެ ވޯޑެއް ހިމެނޭއިރު ލެބޯޓަރީގެ ޚިދުމަތްވެސް ވަނީ ގާއިމުކޮށްފައެވެ. އަލަށް އިތުރުކުރެވުނު ބައިގައި އޮފީސްބަޔަކާއި ޕަބްލިކް ހެލްތު ރޫމްއަކާއި ސްޓޯރޫމަކާއި މީޓިން ރޫމެއް ވަނީ ޤާއިމްކޮށްފައެވެ.

އަތޮޅުތަކުގެ ސިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީކޮށް އެތަންތަނުން ދޭ ޚިދުމަތްތައް ފުޅާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްތަކެވެ. ޚިދުމަތްތައް ފުޅާވުމާއެކު ސިއްޙީ ފަރުވާ ހޯދުމަށް ރައްޔިތުން މާލެއަށް ކުރާ ދަތުރުތައް ނިމުމަކަށް އަންނާނެއެވެ.