ތަރައްްޤީ

އީ- ގަވަރމަންޓް ނިޒާމު އިތުރަށް ހަރުދަނާކުރަނީ


އީ- ގަވަރމަންޓް ނިޒާމު ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ، އެން.ސީ.އައި.ޓީއާއެކު މަޝްވަރާކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ އެކޮމިޝަންގެ ރައީސާއި އިސް ވެރިން ބޭއްވެވި ބައްދަލުވުމެއްގައި މިހާރު ބޭނުންކުރައްވާ އީ-ގަވަރމަންޓް ޕޯޓަލްގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި އެނިޒާމުގެ ބޭނުންކުރައްވައިގެން އޮފީސް ހިންގުން ހަރުދަނާކުރައްވައި، ހިންގުމުގެ ޚަރަދުތައް ކުޑަކުރެއްވުމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ މިފަދަ އިތުރު ބައްދަލުވުމެއް ސިވިލް ސަރވިސްގެ މަސްއޫލު އޮފީސްތަކުގެ ޕަރމަނަންޓް ސެކްރެޓަރީން ހިމެނިވަޑައިގަންނަވާގޮތަށް ކުރިއަށް އޮތް ހަފްތާތެރޭގައި ބޭއްވެވުމަށް ނިންމަވާފައިވާކަމަށެވެ.

މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހެލްތް މިނިސްޓްރީގެ މުވައްޒަފުންނަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް ރޭ ބާއްވަވާފައެވެ. މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑޮކްޓަރ ޢަލީ ޝަމީމް ވަނީ ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތުގައި އުޅޭއިރު، އެކަކު އަނެކަކާ ހިނިތުން ވުމާއެކު މުޢާމަލާތުކުރުމަށް ގޮވާލައްވާފައެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވަނީ މުވައްޒަފުން ހިނިތުންވުމާއެކު މުޢާމަލާތްކުރުމުގެ މުހިންމުކަމާއި މުވައްޒަފުން ހިފަހައްޓަންވީ އަޚްލާޤީ މިންގަނޑުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.

ދަރުމަވަންތަ ސްކޫލުގައި ރޭ ބޭއްވެވި މި ބައްދަލުވުމުގައި ސިވިލް ސަރވިސްގެ ދައުރާއި މައިގަނޑު މަސައްކަތްތަކާބެހޭ މަޢުލޫމާތުދެއްވުމާއި، މުވައްޒަފުން އޮޅުންފިލުވުމަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުވުމާއި ޚިޔާލު ހުށައެޅުމުގެ ސެޝަނެއްވެސް ކުރިޔަށް ގެންދެވިއެވެ.