ޚަބަރު

ރަހުމަތުގެ މައްސަރުގައި ކުރެވުނު ހެޔޮ އަމަލުތައް ދަމަހައްޓަންޖެހޭ!


  • ގަޑިން ގަޑިއަށް ނަމާދުތަކަށް ފަރުވާތެރިވާންޖެހޭ

  • ކެއިންބުއިމަށް ގެނެވުނު ހެޔޮ ބަދަލުތައްވެސް ދަމަހައްޓަންޖެހޭ

ރަމަޟާން މަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމުގެ މޫސުން މާތްﷲ އަޅުގަނޑުމެނަށް މިންވަރު ކުރައްވައިފިއެވެ. ވޭތުވެމިދިޔަ އެއް މަހުގެ ތެރޭގައި އަޅުކަމަށް ޚާއްސަ ސަމާލުކަމެއް އަޅުގަނޑުމެން ދިނީމެވެ.

ދީނީ ދަރުސްތައް އަޑުއެހުމާއި ދީނީ ކަންކަން އޮޅުންފިލުވުމަށާއި، އޮޅުންފިލުވައިދިނުމަށް އަހަރުގެ އެހެން އެއްވެސް ދުވަސްވަރެއްގައި ނުކުރެވޭ މަސައްކަތް ކޮށްފީމުއެވެ. ދިރިއުޅުމުގެ އާދަކާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެއެވެ. އުޅުމަށާއި ގުޅުންތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރެވި ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އެއީ މިމައްސަރުގެ ބަރަކާތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރަމަޟާން މަހާ ދިމާކޮށް ޢުމްރާގެ މަތިވެރި އަޅުކަމަށް އައިސްފައިވާ ފަރާތްތަކުން ހުރިހާ ވަގުތެއް ހުސްކޮށްގެންތިބީ އަޅުކަމަށެވެ. އެހެންކަމުން މިމަސް ވަކިވެގެންދާއިރު ރަމަޟާން މަހުގެ ޘަވާބާއި ޢުމްރާގެ އަޅުކަމުގެ މަތިވެރި ޘަވާބު ހޯދުމަށް މަސައްކަތް ކުރި ފަރާތްތަކަށް ތަފާތު އިޙްސާސެއް ކުރެވެއެވެ. ރަޙުމަތުގެ ބޮޑު މޫސުމެއް ވަކިވެގެންދިޔަ ފަދަ އިޙްސާސެއް ކުރެވެއެވެ.

ރަމަޟާން މަހު ޢުމްރާއެއް ކުރުމަކީ ޙައްޖެއް ކުރުން ފަދަ ކަމެއްގެގޮތުގައި ރަސޫލުﷲގެފާނުވަނީ ބަޔާންކޮށްދެއްވާފައެވެ. ވީއިރު ހުރިހާ ފާފަތަކަކުން ސަލާމަތްވެ މުޅިން އައު މީހެއްގެ ގޮތުގައި ދިރިއުޅުން ކުރިއަށްގެންދިޔުމުގެ ފުރުސަތު އެބަ ފަހިވެގެންދެއެވެ. އެކަމަށް ޢަޒުމް ކަނޑައަޅަންޖެހެއެވެ.

"ތައުބާގެ އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި އެބަހިމެނޭ ކުރިން ކުރެވިފައިވާ ފާފަތަކަށް އެނބުރި ނުދިޔުން. މިތަނުގައި އަޅުގަނޑުމެން ވަރަށް ރޫޙާނީ ކަމެއްގެ ތެރޭގައި އުޅުމަށްފަހު މިދާއިރު މިމަސްތެރޭގައި ނަމާދަށް ރައްކާތެރިވީގޮތަށް އަދި ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދުކުރުން މަތީ ދެމި ތިބެވޭތޯ މަސައްކަތް ކުރަން އެބަޖެހޭ. އަދި އިންސާނުންނަށް ވީތީ ފާފައެއް ކުރެވުމުން އަވަހަށް ތައުބާވެ، އަލުން އެކަމަށް ރުޖޫޢަ ނުވުމަށް ޢަޒުމް ކަނޑައަޅަންޖެހޭ." ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޝެއިޚް އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވިއެވެ.

ރަމަޟާން މަސް އަޅުގަނޑުމެނާއި ވަކިވެއްޖެއެވެ. އެހެންނަމަވެސް މިމައްސަރުގެ ތެރޭގައި އަޅުގަނޑުމެންގެ ގައިގައި އަށަގަންނެވުނު ރިވެތި އަޚްލާޤާއި، އަޅުކަމަށް ދެވުނު އިސްކަން އަޅުގަނޑުމެނާއި ވަކިކޮށްގެން ނުވާނެއެވެ. ރަމަޟާން މަހާ ދިމާކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ގިނަ ބަޔަކަށް ދުރުގައި ތިބެވިއްޖެއެވެ. އަދި ކެއުމުގައި މީގެކުރިން އަށަގެންފައިވާ، ހަށިގަނޑަށް ގެއްލުންދޭ އާދަތަކާއި ދުރުވެ ތިބެވިއްޖެއެވެ.

ދުލުގެ އެކި އާފާތްތަކުގެ ތެރޭގައި ހިމެނޭ، ދުލުން ހަޑިހުތުރު ވާހަކަދެއްކުމާއި ދެބައޮޑުވުމާއި، ފާޙިޝްކަންކަމަށް އަރައި ނުގަނެ އަޅުގަނޑުމެން ބަރަކާތްތެރި މަހެއް ވޭތުކޮށްފީމުއެވެ. ދެންއޮތީ މިއާދަތައް ދެމެހެއްޓުމަށް އަހަރުގެ ބާކީ މަސްތަކުގައި މަސައްކަތް ކުރުމެވެ. އެކަމަށް ހިތްވަރުކޮށް މަސައްކަތް ފަށަންވީއެވެ.