ޚަބަރު

ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭ ރިޒާވެއް ޤާއިމްކުރަނީ


  • މިއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް މާލީ ވަޒީރު ވިދާޅުވި

  • ފޭސް 1 ގެ މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަނީ

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވި މާލީ ވަޒީރު މޫސާ ޒަމީރުއެވެ.

ދުނިޔޭގެ މަޝްރަޙުގައި ހިނަގމުންދާ ހަމަނުޖެހުންތައް ޚާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. އަދި ތެޔޮ ލިބުމުގައި ދަތިވެ ތެލުގެ އަގު ދަނީ ބޮޑުވަމުންނެވެ. އެހެންކަމުން މިގޮތަށް އަންނަ ކުއްލި ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ރާއްޖޭގައި ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭގޮތަށް ރައީސްގެ އިރުޝަދުގެ ދަށުން ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން އެމްއެމްއޭއާވެސް މަޝްވަރާ ކުރާނެކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ރަޒާވް ޤާއިމްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ 3 ސަރަޙައްދެއްގައިކަމަށެވެ. އަދި މިއީ 1 އަހަރު ދުވަހަށް ރާއްޖެއަށް ބޭނުންވާނެ ވަރަށް ތެޔޮ ރައްކާކޮށްފައި ބެހެއްޓޭނެ ނިޒާމަކަށް ވާނެކަމަށެވެ.

"މިއީ 5 އަހަރު ދުވަހުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫޢަކަށް ވާނެ. މިހާރު ފޭސް 1 ގެ މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމޭތޯ މިބަލަނީ. އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ރާއްޖެއަަށް ތެޔޮ ގެންނަނީ މެދުއިރުމަތީގެ ސަރަޙައްދުންނެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަޙައްދު މި ވަގުތު ބަންދުކޮށްފައިވުމުން ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ސަރުކަރުން ދަނީ ކުރަމުންނެވެ.

ރާއްޖެއަށް ތެޔޮ ގެނެސް ރައްކާކޮށްފައި މިހާރު ހުންނަނީ މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެ ނިޒާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމަވާފައެވެ. އާންމު ޚިދުމަތްތައް ދޭ ތަންތަނަށާއި، ރިސޯޓްތަކަށާއި، އަދި އަމިއްލަ ފަރާތްތަކަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދެނީ ފުނަދޫ ޓާމިނަލުންނެވެ. މި ޓާމިނަލްގެ ކެޕޭސިޓީއަކީ ޑީސަލް 291,000 ފީފާ އަދި 59،000 ފީފާގެ ޕެޓްރޯލްއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ރާއްޖޭގެ އެހެނިހެން އެއާޕޯޓްތަކަށް ބޭނުންވާ ޖެޓް ފިއުލް ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ.