ޚަބަރު

ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި


  • މި މަސައްކަތް ކުރިޔަށް ގެންދަނީ ޗައިނާގެ ސީއެމްސީއާ ޙަވާލުކޮށްގެން

  • މުޅި މަޝްރޫޢުގައި ޖުމުލަ 3260 ހައުސިންގ ޔުނިޓް ހިމެނޭ

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ 1224 ޔުނިޓުގެ މަސައްކަތް ފަށައިފިއެވެ.

މި މިކަމަށްޓަކައި ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތް ކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން، މިރޭ ބިންގާ އަޅާފައިވަނީ، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)ގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތުގެ ބިންގާއެވެ.

މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަޕާރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ކޮންސްޓްރަކްޝަން ކުންފުނީގެ ޗެއަރމަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހައުސިންގ ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ، އައިއެންއޭއެޗުގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ޙާސިލް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާރޓްމަންޓުތަކެކެވެ.

މި މަޝްރޫޢުގައި ދޫކުރާ ޔުނިޓުތަކަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ސީއެމްސީއަކީ، ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ބޮޑެތި ގިނަ މަޝްރޫޢުތަކެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެކެވެ.
މި ކުންފުނިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ވިނަރެސް ހައުސިންގ ޕްރޮޖެކްޓް ހިމެނެއެވެ. މިހާރު ވެސް ސީއެމްއީސީން އަންނަނީ، ގުޅީފަޅާއި ހުޅުމާލެ ފޭސް 2ގެ އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބީއެމްއެލްގެ ހައުސިން މަޝްރޫޢުގެ ޔުނިޓްތައް އިމާރާތްކުރާނީ، މިދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަޤުވާމީ އަދި ރާއްޖޭގެ ކުންފުނިތަކުންނެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން މި މަޝްރޫއުގެ ފްލެޓްތައް އިމާރަތްކުރާ ކުންފުނިތަކަކީ، ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)، އަދި ރާއްޖޭގެ ކުންފުނިތައް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

މި މަޝްރޫޢުތައް ނިމުމުން ހުޅުމާލެ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. އަދި މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫޢުތަކެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.