އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނުގެ ތެރެއިން، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ މައި މަރުކަޒަށް ޙަމަލާދީފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ނިއުކްލިޔަރ ހަކަތައާބެހޭ އިދާރާއިން ބުނީ، ނަޠަންޒްގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ މައި މަރުކަޒަށް އެމެރިކާ އާއި ޔަހޫދީން ޙަމަލާދީފައިވާ ކަމަށެވެ.
އެއީ ޖިނާޢީ ޢަމަލެއްގެ ގޮތުގައި ސިފަކޮށް، އެ އިދާރާއިން ބުނީ އެ ޙަމަލާދީފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށް ލިއްބައިދީފައިވާ ހިމާޔަތާއި ރައްކާތެރިކަމާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ.
ނަމަވެސް، އެ ޙަމަލާގައި އެ މަރުކަޒަށް ލިބުނު ގެއްލުމުގެ ތަފްޞީލެއް އެ އިދާރާއިން ދީފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު، އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދިން ޙަމަލާތަކުގައި ވެސް ނަޠަންޒްގެ ނިއުކްލިޔަރ މަރުކަޒަށް ވަނީ ޙަމަލާދީފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުން ފެށިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރިފައިވާއިރު، މި ކުރިމަތިލުންތަކަށް މަޑުޖެހުމެއް އަންނަ ތަނެއް ނުފެނެއެވެ.
މި ޢުދުވާނުގެ ދިފާޢުގައި އީރާނުން ވެސް ދަނީ ހުއްޓުމެއްނެތި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ މުޙިންމު ބިނާތަކާއި ގަލްފުގެ އެކި ޤައުމުތަކުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
މިގޮތުން، ސަޢުދީ ޢަރަބިއްޔާގެ އިރުމަތީގެ ސަރަޙައްދުގެ މަތިން އީރާނުން ޢަމާޒުކުރި 20 ޑްރޯން ޙަމަލާ، މިއަދު ވެސް ދިފާޢުކޮށްފައިވާކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
ޔަހޫދީންގެ ނިރުބަވެރި ދައުލަތުން އީރާނުގެ 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނުރައްކާތެރި ޙަމަލާއާއެކު މި ހަނގުރާމަ ވަނީ މުޅީން އެހެން މިސްރާބަކަށް އެނބުރިފައެވެ.
މިގޮތުން، 'ދެކުނު ޕާސް' ގޭސް ދަނޑުތަކަށް ދިން ނުރައްކާތެރި ޙަމަލާގެ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ ޤައުމުތަކުގެ ހަކަތައިގެ ބިނާރުތަކަށް އީރާނުން ދެމުންދާ ޙަމަލާތަކުގެ ތެރެއިން ޤަތަރުގެ ގޭސް އުފައްދާ މައި މަރުކަޒަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.