އީރާނު ހަނގުރާމަ ދިގުލައިގެންދާތީއާއި އަވަސް މުސްތަޤުބަލެއްގައި ހަނގުރާމަ ނިމޭނެ ކަމުގެ އިޝާރާތެއް މިހާތަނަށް ވެފައި ނުވާތީ، ހުރުމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކުރެވޭނެ ކަން ކަށަވަރުކޮށް ތެލުގެ މައްސަލަ ޙައްލުކުރުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށް ވިލާތުގެ ބައެއް ޤައުމުތަކާއި ޖަޕާުނުން ބުނެފިއެވެ.
ފިޔަވަޅުތައް އެޅުމަށް އެހީތެރިވާނެ ކަމުގެ ޔަޤީންކަންދީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ނެދަލެންޑްސްއާއި ޖަޕާނުން ވާނީ ގަލްފު ބައިނަލްއަޤްވާމީ ހަަކަތައާ ބެހޭ އިދާރާއިން ޕެޓްރޯލުގެ ރިޒާވް ސްޓޮކު ބާޒާރަށް ނެރެން ނިންމި ނިންމުމަށް މަރުޙަބާ ކިޔާފައިވެއެވެ. ހަކަތައިގެ ބާޒާރަށް އައިސްފައިވާ ލޮޅުން ކުޑަކުރުމަށް އެ
ޤައުމުތަކުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ވެސް ދީފައިވެއެވެ.
އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށް ގަލްފުގެ ބައެއް ޤައުމުތަކުގައި ހުންނަ ތެލާއި ގޭސް މަރުކަޒުތަކަށް ޙަމަލާ ދެމުން ދަނީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށައި އީރާނުގެ އޭރުގެ ރޫޙީ ވެރިޔާ ހިމެނޭ ގޮތަށް އެ ޤައުމުގެ އިސް ބޭފުޅުންތަކެއް ޝަހީދުކޮށްލުމާ ގުޅިގެންނެވެ. ގަލްފުގެ ބައެއް ޤައުމުތަކަށް އީރާނުގެ ޙަމަލާތައް މުޅިން ވެސް އަމާޒުކުރަނީ އެމެރިކާއާއި ޔަހޫދީންގެ މަސްލަހަތު އޮތް ތަންތަނަށާއި އަސްކަރީ މަަރުކަޒުތަކަށެވެ. އަމިއްލަ ދިފާޢުގައި އީރާނުން ދެމުންދާ ވަރުގަދަ ރައްދުގެ ސަބަބުން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އެމެރިކާއިން ދެކުނު ހަނގުރާމަ ވަނީ ދިގުލާން ފަށައިފައެވެ.
އީރާނުގެ މިސައިލް ޙަމަލާއެއްގައި ޤަޠަރުގެ ރަސް ލަފާން ސިނާޢީ ސިޓީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އީރާނުން އެ ޙަމަލާ ދީފައި ވަނީ ޔަހޫދީން އީރާނުގެ މައި ގޭސް ދަނޑަށް ދިން ޙަމަލާގެ ރައްދެއްގެ ގޮތުންނެވެ. ދުނިޔޭގައި އުފައްދާ ދިޔާ ގޭހުގެ ފަސްބައިކުޅަ އެއްބައި ޕްރޮސެސް ކުރަނީ ރަސް ލަފާނުންނެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ މައި ބަނދަރަކަށް ވެސް ޙަމަލާ އަމާޒުވެފައިވެއެވެ.
ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ދަނީ އިންތިހާއަށް އުުފުލެމުންނެވެ. ހަކަތައިގެ ބާޒާރަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.