ތަރައްްޤީ

ޖާޓާ ޓޫރިޒަމް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަޕާންގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

ޖާޓާ ޓޫރިޒަމް އެކްސްޕޯގައި އެމްއެމްޕީއާރުސީއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 6 ފަރާތަކުން ބައިވެރިވެފައިވާ އިރު، ރާއްޖޭގެ ވަފްދުގައި އެމްއެމްޕީއާރުސީގެ އެކްޓީންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދާއި ރާއްޖެއަށް ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު ޙަލީލު ހިމެނިވަޑައިގަންނަވާ ކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.

މިމަހުގެ ބާވީހުން ފަންސަވީހަށް ޖަޕާންގެ ޓޯކިއޯގައި ކުރިއަށްދާ ޖާޓާ ފެއަރގައި، 151 ޤައުމުން ބައިވެރިވެފައިވެއެވެ.

އެކްސްޕޯގެ ރާއްޖޭގެ ސްޓޭންޑްގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެމްއެމްޕީއާރުސީން ވަނީ ރާވާފައެވެ.

ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖަޕާނުން ރާއްޖެއަށް 21358 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ.