މި އަހަރުގެ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) އޮގަސްޓުމަހަށް ފަސްކޮށްފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ބައިވެރިންނަށާއި ކަމާގުޅޭ ފަރާތްތަކަށް އެކަން ރަސްމީކޮށް އަނގާފައެވެ. ކުރިން މެއި މަހު ބޭއްވުމަށް ތާވަލުކުރެވުނު މި ހަރަކާތް ދެން އޮންނާނީ އަންނަ އޮގަސްޓް 17 އިން 20 އަށް، ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.
އޭޓީއެމްގެ 33 ވަނަ އެޑިޝަން ފަސްކުރުމަށް އިންތިޒާމުކުރާ ފަރާތްތަކުން ނިންމީ ކަސްޓަމަރުންނާއި، ޕާޓްނަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ. އޮގަސްޓް މަހަށް މި ހަރަކާތް ބަދަލުކުރުމުގެ މަޤްޞަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު އިތުބާރާއި ލުއިފަސޭހަކަމާއެކު މި މުހިންމު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މަގުފަހިކޮށްދިނުންކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.
އެ ކޯޕަރޭޝަނުން ވިދާޅުވީ މި ބަދަލާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ނިންމުމަށް އިވެންޓް އިންތިޒާމުކުރާ ފަރާތް ކަމަށްވާ "އާރް.އެކްސް" އާއެކު ސީދާ މަސައްކަތް ކުރަމުންދާކަމަށެވެ.
މި ބަދަލުގެ ސަބަބުން ރާއްޖޭގެ ސްޓޭންޑުގައި ބައިވެރިވާ އެއްވެސް ކޯ-އެގްޒިބިޓަރަކަށް ދަތިކަމެއް ކުރިމަތިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވިޒިޓް މޯލްޑިވްސްއިން ވަނީ ދީފައެވެ. އަދި ރަޖިސްޓްރީވެފައިވާ ހުރިހާ ބައިވެރިންގެ ޖާގަތަކާއި، ބްރޭންޑިންގްގެ ކަންކަން އެއްވެސް އުނިކަމެއް ނެތި އޯގަސްޓް މަހުގެ އައު ތާރީޚުތަކަށް ބަދަލުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ މަންޒިލްތަކާއި، އެއާލައިންތަކާއި، އަދި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތައް ގުޅުވައިދޭ މަރުކަޒެއްގެ ގޮތުގައި އޭޓީއެމް ހިމެނެނީ ރާއްޖޭގެ މާކެޓިންގ އިސްތިރާޖީ މުހިންމު ތަނބެއްގެ ގޮތުގައެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ އޮގަސްޓް މަހުގެ މި ތާރީޚަކީ ފިނި މޫސުމުގެ ޕީކް ސީޒަނާ ދިމާކޮށް، މެދުއިރުމަތީގެ މާކެޓާއި ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށެވެ.
މި ބަދަލުތަކުގެ ތެރޭގައި ހުރިހާ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވިޒިޓް މޯލްޑިވްސްގެ ޓީމު ދެމިއޮންނާނެ ކަމަށާއި، ދުބާއީގައި ބޭއްވޭ މި ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް ބޭނުންވާ އެންމެހައި މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.