ތިމާވެށި

"ބިލެތްދޫ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވެފައި"


ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް، އަވަސް ހައްލެއްގެންނެވުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ބިލެތްދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އާބާދީގައި ގާތްގަނޑަކަށް ބާރަ ސަތޭކަ ހަތްދިހައެއްހާ މީހުން ދިރިއުޅެމުން އަންނަ ފ. ބިލެތްދޫއަކީ ތިމާވެށީގެ އެކި މައްސަލަތައް ކުރިމަތިވެފައިވާ ރަށެކެވެ. ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއެކު ރަށްގިރުމާއި، ރަށުގެ މީރުފެން ފަށަލަ ތައްޣަޔަރުވުމުގެ ސަބަބުން، އާއްމުންނަށް ގިނަ ދަތިތަކަކާއި ކުރިމަތިވަމުންދާކަމަށް ބިލެތްދޫ ކައުންސިލުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބިލެތްދޫ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު ޝިޔާމް ވިދާޅުވީ، ރަށުގެ އުތުރުފަރާތުން މީހުން ދިރިއުޅޭ ސަރަޙައްދާ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓް ކައިރިން ބޮޑު ސަރަޙައްދެއް ގިރާލާފައިވާކަމަށެވެ. އަދި މި މައްސަލަ ކަންބޮޑުވާ މިންވަރަކަށް ފާހަގަކުރެވެން ފެށީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހުކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމަށް ވަގުތީ ހައްލެއް ގެނެއުމުގެ ގޮތުން އެ ސަރަޙައްދަށް ވެއްޔާއި ގާކުނޑި އެޅިނަމަވެސް، އެދެވޭ ހައްލެއް ލިބިފައިނުވާކަން ކައުންސިލުން ފާހަގަކުރައްވައެވެ. އެހެންކަމުން މިކަން އެންވަޔަރަމަންޓް މިނިސްޓްރީގެ ސަމާލުކަމަށް ގެންނަވާ، މި މައްސަލައަށް ދާއިމީ ޙައްލެ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާކަމެއް އެއީ މި މައްސަލައަށް އަވަސް ހައްލެއް އައުން. މިހެން ދަންނަވާއިރުވެސް އަޅުގަނޑުވެސް ޤަބޫލުކުރަން މިދައްކަނީ ވަރަށް ގިނަ ފައިސާތަކެއް ޙަރަދުވާ، ބޮޑު ޕްރޮޖެކްޓެއްގެ ވާހަކަކަން. މިރަށައިވެސް ބައެއް ސަރަހައްދުތަކުން މިހާރު އާއްމުން ދިރިއުޅެމުންދާ ގޭގޭގެ ސަރަހައްދާ ދިހަ ވަރަކަށް ފޫޓް ކައިރިންވެސް ގިރާލާފައި އެބަހުރި. ވަރަށް ބޮޑަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް އިލްތިމާސްކޮށް، މިކަމަށް އަވަސް ހައްލެއް ގެނެއުމަށް މަސައްކަތް ކުރަމުން މިދަނީ" ޝިޔާމް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14747806710132.jpg|ބިލެތްދޫ ގިރާ ސަރަހައްދު- ފޮޓޯ: އަޙްމަދު ރިޟުވާން، ޕީއެސްއެމް

ބިލެތްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރެއްވުމަށް ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ޝިޔާމް ވިދާޅުވީ، އާއްމުންގެ މެދުގައި މިކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކައުންސިލްގެ ފަރާތުން ހިންގަވަމުން ގެންދަވާކަމަށެވެ. އަދި ގިރަމުންދާ ސަރަޙައްދުތަކަށް ވެލި އެޅުމާއި، ގަސް އިންދުމުގެ މަސައްކަތްވެސް ރަށުގެ ރައްޔިތުންނާއި ގުޅިގެން ކުރައްވަމުން ގެންދަވާކަމަށެވެ.

”ޚާއްސަކޮށް ގިރާ ސަރަހައްދުތަކުގައި ހުރި ގަސްތައް ހިމާޔަތްކޮށް، އަޅުގަނޑުމެންގެ ފެންވަރުގައި ތަފާތު މަސައްކަތްތަކެއް ކޮށްފައިވާނެ. ރަށުގެ ބަނދަރު ހެދި ދުވަސްވަރު އަޅުގަނޑުމެން ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ބަނދަރު ނެގި ވެލި އެ ސަރަހައްދުތަކަށް އެޅުމުގެ މަސައްކަތްވެސް އޭރުގެ ސަރުކާރާއި ގުޅިގެން އަޅުގަނޑުމެންކޮށްފައިވާނެ. ނަމަވެސް ވެލި އެޅިތާ މާގިނަ ދުވަހެއް ނުވެ، ކުރިން އޮތް ހާލަށް އަނެއްކާވެސް އެވަނި ގޮސްފައި" ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ގާތްގަނޑަކަށް 70 ރަށަކުން ރަށްގިރުމުގެ މައްސަލަ ރިޕޯޓް ކޮށްފައިވާކަން ފާހަގަކުރައްވާ، އެންވަޔަރަމަންޓް މިނިސްޓްރީގެ ސާރވޭ ޓީމްތައް އެރަށްރަށަށް ފޮނުއްވައިގެން އެ ކަންތައްތައް ބައްލަވަމުން ގެންދަވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. 

ދިރާސާތަކުން ދައްކާގޮތުން ރަށްގިރުމުގެ މައްސަލަ ދިމާވުމަށް ކުރިމަތިވާ މައިގަނޑު ސަބަބަކީ ރަށާ ގުޅިފައިވާ ޤުދުރަތީ ފަރަށް އެކި ބޭނުންތަކުގައި ގެންނަ ބަދަލުތަކެވެ. މީގެތެރޭގައި ރަށްރަށުގެ ބަނދަރުފަދަ ތަންތަން ހެދުމާއި ނެރުކެނޑުން ހިމެނެއެވެ. މިފަދަ ކަންތައްތަކުގެ ސަބަބަން ރަށުގެ ނުވަތަ ފަޅު ވަށައިގެން ދައުރުވާ ވެލިތައް ދައުރުވުމަށް ހުރަސްއެޅި ރަށް ގިރުމަށް މަގުފަހިވެއެވެ.