ތަރައްްޤީ

ސަޢޫދީ ރަސްގެފާނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ


ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ތަހުނިޔާ ވިދާޅުވެއްޖެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު މުޙައްމަދު ބިން ނާއިފް ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހްދުގެ ނާއިބު މުޙައްމަދު ބިން ސަލްމާން އާލް-ސަޢުދަށް ވެސް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ.

‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާ، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ. އަދި، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ‏ޒަޢާމަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންނަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އިސްލާމީ އަޚްވަންތަ ގާތް ގުޅުން، އެމަނިކުފާނު ވަރަށް ބޮޑަށް ވަޒަންކުރައްވާ ކަމުގައި ވިދާޅުވެ، މުޅި އިސްލާމީ އުއްމަތާއި ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ދެޤައުމުންވެސް ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގައި‏‏ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.