ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންނާއި، ބޭރުގެ ބައެއް މަންދޫބުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް، ޖުމްލަ 7 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތަކީ މުބާރާތުގެ އޮނިގަނޑަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތްކަންވެސް ފާހަގަކޮށްލެވެއެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މި މުބާރާތުގެ އޮޑިޝަން ބުރު މި ދިޔަ ޖޫން މަހުގެ 4 އިން ފެށިގެން 15 ޖުލައި ގެ ނިޔަލަށް، މާލެއާއެކު ރާއްޖޭގެ 22 ސަރަޙައްދެއްގައި ބޭއްވިއެވެ. އޮޑިޝަން ބުރުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީކުރި 3050 ބައިވެރިންގެ ތެރެއިން 2742 ބައިވެރިން އޮޑިޝަން ބުރުގައި ކިޔަވާފައިވެއެވެ. ސެމީ ފައިނަލް ބުރަށް ހޮވިފައިވަނީ އޭގެ ތެރެއިން 379 ބައިވެރިންނެވެ.
މީގެ ކުރިން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލް ކުރާ ގޮތަށް ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ ބައިވެރިވާން ބޭނުން ކޮންމެ ބައިވެރިޔަކަށް ފަރުދީ ގޮތުން ބައިވެރިވެގެން އޮޑިޝަން ބުރުގައި ވާދަކުރެވޭ ގޮތަށް ބޭއްވޭ މުބާރާތެކެވެ. އަދި މި މުބާރާތަކީ މިގޮތަށް ބޭއްވޭ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ސެމީ ފައިނަލް ބުރަކާއި ފައިނަލް ބުރެއް އޮންނާނެއެވެ.
ގަވާއިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ 3 ބައިގެ ކިޔެވުމަށް އިންސާފުކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު މަދުވެގެން އިންނާނެއެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. މީގެ އިތުރުން މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ ބައިވެރިޔާއަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެދުމަށާއި، ޤައުމީ މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވެއެވެ.