ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ހިއްސާ އޮތް އިޖުތިމާޢީ ޒިންމާއެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިހެން ވިދާޅުވީ ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އަނިޔާކުރަމުންދާ ކަމުގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. މިފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހާރަކަށް އައިސް ރާއްޖޭގައި ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ޖަނަވާރުންނަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫޤުންނަށް ވީހިނދު، އެ ތަކެއްޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މިފަހުން އަމަލުކުރަން ފެށި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ޤާނޫނުގައިވެސް ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދީފައިވާކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ. މި ޤާނޫނުގައި އެކަންކަން ބަޔާންކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށެވެ.
• ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން
• ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން
• ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން
• ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން
• އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން
މި ޤާނޫނުގެ ދަށުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅޭނެކަން ދިރޭތަކެއްޗާބެހެ ވުޒާރާއިން ވަނީ ހަނދުމަކޮށްދީފައެވެ.
އަލަށް އަމަލުކުރަން ފެށި ޤާނޫނުގެ ދަށުން ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާކަމެކެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީވެސް މަނާކަމެކެވެ.
މި ޤާނޫނުގެ ދަށުން ޖަނަވާރުންނާމެދު އިހާނެތި އަމަލެއް ހިންގައިފިނަމަ ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 5،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޭގައި ބަލަހައްޓާ ޖަނަވާރެއް އާންމު ތަނަކަށް ދޫކޮށްފިނަމަ 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
ޖަނަވާރުންނަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ ޢަމަލު ކުރުމަކީ އިސްލާމް ދީނުގައި ބާރު އަޅާކަމެއްކަންވެސް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ. އެގޮތުން، ކީރިތި ރަސޫލާގެ ސުންނަތުން އެނގޭ ގޮތުގައި، ޖަނަވާރުންނަށް އޯގާތެރިވުމަކީ އިންސާނުންގެ މައްޗަށް އޮތް ދީނީ އަދި އަޚްލާޤީ ޒިންމާއެއް ކަމަށާއި އެއްވެސް ބޭނުމެއްނެތި ޖަނަވާރުންނަށް ތުރާލެއް ދިނުމަކީ ދީނީގޮތުން މަނާކުރައްވާފައިވާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.
ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެންމެހާ ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށާއި، އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައެވެ.
ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ހިއްސާ އޮތް އިޖުތިމާޢީ ޒިންމާއެއް ކަމަށެވެ. އަދި ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޛުކުރުމާއި، އެތަކެތީގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.