ތިމާވެށި

"ބިލެތްދޫ - ކުނި ރިސައިކަލް ކުރުމުގައި ނަމޫނާ ރަށެއް"


ރާއްޖޭގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެއްވުމަށާއި އެތަކެތި ރައްކާތެރި ގޮތުގައި ނައްތާލެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބިގެން އަންނަ އެންމެ ބޮޑު އެއް ކުރިއެރުމަކީ، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން، ކުނި ރިސައިކަލްކޮށްގެން، އެއިން ބޭނުންތެރި ތަކެތި އުފައްދައި، އެތަކެތި ވިއްކައިގެން ރަނގަޅު ޢާމްދަނީއެއް ހޯދުމެވެ. އަދި މިއީ ސަރުކާރުން ނުހަނު ތާއީދުކުރައްވާ ކަމެއްވެސްމެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް ކުނީގެ މައްސަލަ ދިމާވެފައިވާއިރު، ރާއްޖެއަކީ ސާފުތަނަކަށް ހެދުމަށް ފަރުދީ ފެންވަރުގައި ކުރެވޭ ތަފާތު މަސައްކަތްތަކުގެ ނަތީޖާ ވަރަށް އެދެވޭގޮތެއްގައި ފެންނަމުން އަންނަކަން އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ. އެގޮތުން ކުނީގެ ގޮތުގައި އުކާލެވޭ ތަކެތިން، އެކި ކަހަލަ އަމިއްލަ އުފެއްދުންތައް އުފައްދާ މީހުން މިހާރު ރާއްޖޭގައިވެސް މަދެއް ނޫނެވެ.

img:http://s3.psmnews.mv/images/660x400/14746527534168.jpg|ބިލެތްދޫގައި ކުނި ރިސައިކަލްކޮށްގެން ތަކެތި ތައްޔާރުކުރުމުގައި އެރަށުގެ އަންހެނުންތަކެއް ހަރަކާތްތެރިވަނީ- ފޮޓޯ: އަޙްމަދު ރިޟްވާލް، ޕީއެސްއެމް

ބިލެތްދުއަކީވެސް މިގޮތުން ފާހަގަކޮށްލެވޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ބިލެތްދޫގައި މި މަސައްކަތްކުރުމުގައި އެންމެ ޚާއްޞަ އެއްކަމަކީ، މިކަން ކުރުމުގައި އެރަށުގައި މުޅިންކަހަލަ ގޮތަކަށް ޙަރަކާތްތެރިވަނީ އަންހެންކަނބަލުންކަމެވެ. އެރަށުގައި މިކަން ތަޢާރަފްވެގެން އައިގޮތް، ބިލެތްދޫ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރ މުޙައްމަދު ޝިޔާމް ވަނީ ޕީ.އެސް.އެމް ނިއުސްއާ ޙިއްޞާކުރައްވާފައެވެ.

"އަޅުގަނޑުމެން މި މަސައްކަތް އަސްލު ފަށައިގަތީ ޚާއްޞަގޮތެއްގައި ޢާމްދަނީއެއް އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް ގޭގައި ތިބެގެން ރަނގަޅު ޢާމްދަނީއެއް ލިބޭނެ މަސައްކަތެއް ދަސްކޮށްދިނުމާއި، އަޅުގަނޑު ބެލިބެލުމުން ބޭނުންކުރެވިދާނެ ވަރަށް ގިނަ ބާވަތްތައް އަޅުގަނޑުމެން ކުނީގެ ގޮތުގައި އެބަ އުކާލަން. އެތަކެތި ބޭނުންކޮށްގެން ރަނގަޅު އުފެއްދުމެއް އުފެއްދުމަށް ހިންގި ޕްރޮގްރާމެއްގެ ނަތީޖާ މިއީ" ޝިޔާމް ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14746527741985.jpg|ބިލެތްދޫގައި ކުނި ރިސައިކަލްކޮށްގެން ތަކެތި ތައްޔާރުކުރުމުގައި އެރަށުގެ އަންހެނުންތަކެއް ހަރަކާތްތެރިވަނީ- ފޮޓޯ: އަޙްމަދު ރިޟްވާލް، ޕީއެސްއެމް

ޝިޔާމަކީ ބިލެތްދޫގައި ކުނި ރިސައިކަލްކޮށްގެން އެކި ކަހަލަ އަމިއްލަ އުފެއްދުންތައް އުފެއްދުމަށް ޢާއްމުންނަށް ހިތްވަރުދއްވައި، އެފަދަ މަސައްކަތްތައް ދަސްކޮށްދެއްވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ފަރާތެވެ. އޭނާ ވަނީ ބިލެތްދޫގެ އިތުރުން ފުވައްމުލައް ސިޓީގައިވެސް މިކަހަލަ މަސައްކަތްތައް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތަކެއް ހިންގަވާފައެވެ. ބިލެތްދޫގައި އުކާލާ ބާވަތްތައް ރިސައިކަލް ކޮށްގެން ތަފާތު އުފެއްދުންތައް ހެދުމުގައި ޙަރަކާތްތެރިވަނީ އެރަށުގެ އަންހެންކަނބަލުންނެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރިކުރުވައި، ޤައުމުގެ ތަރައްޤީގައި އެކަނބަލުންގެ ދައުރު އިތުރުކުރުމަށް މިއީ ހަމަގައިމުވެސް ލިބިގެންދާ އިތުރު ހިތްވަރެކެވެ.

img:http://s1.psmnews.mv/images/660x400/14746527943048.jpg|ބިލެތްދޫގައި ކުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާ ބައެއް ތަކެތި- ފޮޓޯ: އަޙްމަދު ރިޟްވާލް، ޕީއެސްއެމް

"އަޅުގަނޑުމެންގެ މަޤްޞަދަކީ މިތަކެތި އުފައްދައިގެން ރަނގަޅު ޢާމްދަނީއެއް ލިބޭނެ މަގެއް ތަނަވަސްވެގެން ދިއުން. އުންމީދުކުރެވޭގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަސައްކަތް ރަނގަޅަށް ކޮށްފިކަމުގައިވާނަމަ، މުސްތަޤުބަލުގައި ގޭގައި ތިބެގެން އަންހެންކަނބަލުންނަށް ޚާއްޞަގޮތެއްގައި ރަނގަޅު ޢަމްދަނީއެއް ލިބިދާނެ މަސައްކަތެއް މިއީވެސް" ޝިޔާމް ވިދާޅުވިއެވެ.

ބިލެތްދޫ އަންހެންކަނބަލުން ދެކޭގޮތުގައި މިއީ ޢާއިލީ ގެވެހި ޒިންމާއަދާކުރަމުން ޢާމްދަނީ ހޯދަން ކުރަން ރަނގަޅު މަސައްކަތެކެވެ. ދެމެހެއްޓެނެވި ގޮތެއްގައި މި މަސައްކަތް ފުޅާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އުފައްދާތަކެތި ހެޔޮ އަގެއްގައި ވިއްކާނެ ރަނގަޅު މަރކެޓެއް ނުލިބުންކަން ޕީ.އެސް.އެމްއާއި ވާހަކަދެއްކި ބައެއް އަންހެންކަނބަލުން ފާހަގަކުރިއެވެ.

img:http://s4.psmnews.mv/images/660x400/14746528805468.jpg|ބިލެތްދޫގައި ކުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާ ބައެއް ތަކެތި- ފޮޓޯ: އަޙްމަދު ރިޟްވާލް، ޕީއެސްއެމް

ބިލެތްދޫ އަންހެންކަނބަލުންގެ މިފަދަ އުފެއްދުންތައް އިޝްތިހާރުކޮށް، ރަނގަޅު މާރކެޓެއް ހޯދޭނެ ފުރުޞަތަކަށް އެކަނބަލުން އެދިއެދި ތިބިއިރު، އެފަދަ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ބިލެތްދޫ ކައުންސިލުން ގެންދަވަނީ ކަމާގުޅުން ހުރި މިނިސްޓްރީތަކާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިއަހަރު ފަހުކޮޅު އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބާއްވަވާ އަތްތެރި މަސައްކަތްތައް ދައްކާލުމުގެ މަޢުރަޒުގައި އެރަށުގެ އުފެއްދުންތައް ބައިވެރިކުރުމުގެ ތައްޔާރީތައް މިހާރު ކުރައްވަމުން އަންނަކަމަށް ބިލެތްދޫ ކައުންސިލުން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14746529290474.jpg|ބިލެތްދޫގައި ކުނި ރިސައިކަލްކޮށްގެން ތައްޔާރުކޮށްފައިވާ ބައެއް ތަކެތި- ފޮޓޯ: އަޙްމަދު ރިޟްވާލް، ޕީއެސްއެމް

ރަށްރަށުގައި ދިރިއުޅޭ އަންހެނުންނަކީ ޢާއިލާ ބަލަހައްޓަމުން، ޢާމްދަނީ ހޯދަން މަސައްކަތްކުރަމުންވެސް އެމީހުންގެ ގޯތިގެދޮރާއި ރަށުގެ ޢާންމު ސަރަޙައްދު ސާފުތާހިރުކޮށް ބޭއްވުން އެއީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ޒަމާނުއްސުރެ ދެކެމުން އަންނަ ބައެކެވެ. އެހެންކަމުން ބިލެތްދޫ އަންހެނުންނަކީވެސް ކުނީގެ މައްސަލަ ޙައްލުކުރުމަށާއި ސާފުތާހިރުކަމަށްޓަކައި ރަށުތެރެ ކުނިކަހާ ސާފުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއެކެވެ. އެގޮތުން ގްރޫޕް ގްރޫޕަށް ނިކުމެ، ރަށުގެ އެކި ސަރަޙައްދުތައް ކޮންމެ ދުވަހަކުހެން ސާފުކޮށް، ކުނި އުކާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބިލެތްދޫ ކައުންސިލުން ވިދާޅުވެއެވެ.