ކަނޑުފަޅު ނަފާ ލޯނުގެ ދަށުން މިހާތަނަށް 18 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރި އުޅަނދުތަކަށް ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނެކެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނެ އެކިއެކި ދާއިރާތަކުން ސަރުކާރުން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން ކަނޑުފަޅު ނަފާ ލޯނަކީ މިގޮތުން ތައާރަފްކޮށްފައިވާ އެއް ލޯނެވެ.
މި ލޯނު ދޫކުރަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށެވެ. މި ލޯނު ދޫކުރަނީ އެކިއެކި މަރުހަލާތަކަށް ބަހާލައިގެން މަސްވެރިންނަށް އެންމެ ބޭނުންވާނެ ކަންކަމަށް ބަލައިގެންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޖުމްލަ 47 އެޕްލިކޭޝަންއަކަށް ލޯނު ދޫކުރެވިފައިވާކަމަށެވެ. މިހާތަނަށް މުޅި ޖުމްލަ 18،240،000 ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ އުޅަނދުގައި އާރުއެސްޑަބްލިއު ސިސްޓަމް އެޅުމަށާއި، މަރުމަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކަށް ލޯނަށް އެދި ހުޅުވާލާފައެވެ. ލޯނަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން 34 މިލިޔަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.
އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އަންނަނީ ވަރަށް ގިނަ ބާވަތްތަކުގެ ލޯނުތައް ތައާރަފްކުރަމުންނެވެ. މީގެތެރޭގައި މަސްވެރިކަމުގެ ސިނާއަތް ފާހަގަކޮށްލެވެއެވެ. އެގޮތުން ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 'ވެސަލް ފައިނޭންސިންގ' ގެ ނަމުގައި އައު ފައިނޭންސިންގ ޕްރޮޑަކްޓެއް މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ވަނީ ތަޢާރަފްކޮށްފައެވެ.
މި އައު ފައިނޭންސިންގ ފަރުމާކޮށްފައިވަނީ، ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ވިޔަފާރިތައް މުޅިން އަލަށް ފަށަން އަދި މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް އުޅަނދުފަހަރު ބަނުމަށް ނުވަތަ ގަތުމަށް އަދި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށެވެ. މި ފައިނޭންސިންގ މެދުވެރިކޮށް މަސްވެރިކަމާއި، ޓޫރިޒަމް އަދި މުދާ އުފުލުމާއި، ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.