އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީގެ ކެޕްޓަން އަދި ޑިފެންޑަރ ރީސް ޖޭމްސް އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި އެވެ.
ޗެލްސީގެ ޔޫތް ޓީމުގެ ތެރެއިން ސީނިއާ ޓީމަށް ބަދަލުވި އުމުރުން 26 އަހަރުގެ ރީސް ޖޭމްސް ޗެލްސީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަށް ވަނީ ހަ އަހަރު އިތުރުކޮށްފަ އެވެ.
2019 ވަނަ އަހަރު ޗެލްސީގެ ސީނިއާ ޓީމުން ފުރުސަތު ހޯދި ރީސް ޖޭމްސް އަކީ ޗެލްސީގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި ހަފްތާއަކި ދެ ލައްކަ ފަންސާސް ހާސް ޕޮއިންޑް ލިބެއެވެ. އަދި އަލަށް ހެދި އެއްބަސްވުމުގެ ދަށުން އޭނާގެ ކުޅުމަށް ބަލާފައި އިތުރު އިނާޔަތްތަކެއް ލިބިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ރީސް ޖޭމްސް ޗެލްސީގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކޮށްފައިވާއިރު ޗެލްސީގެ ކޯޗު ލިއާމް ރޮޒޭނިއާ ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
"ރީސް ޖޭމްސް ޗެލްސީގައި މަޑުކުރަން ނިންމުމަކީ ލިބިގެންދިޔަ ބޮޑު ހިތްހަމަ ޖެހުމެއް. އޭނާ އަކީ އެ މަގާމަށް ކުޅޭ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ. އޭނާ އަށް މި ކްލަބް ދޫކޮށްލުމަށް ގިނަ ހުށައެޅުންތަކެއް ލިބުނު ނަމަވެސް މަޑުކުރަން ނިންމުމަކީ ޗެލްސީގެ ޕްލޭނަށް އޭނާ އަށް އިތުބާރު." ރޮޒޭނިޔާ ބުންޏެވެ.
ރީސް ޖޭމްސް ބުނެފައިވަނީ ޗެލްސީން ހުށައަޅާފައިވާ މުސާރައަށްވުރެ ބޮޑެތި މުސާރަތަކެއް ލިބޭ ހުށައެޅުންތަކެއް އޭނާއަށް ލިބުނު ނަމަވެސް ޗެލްސީގައި މަޑު ކުރަން ނިންމީ އެގޮތަށް ބޭނުންވެގެން ކަމަށެވެ.
"މިއަށްވުރެ ބޮޑެތި ހުށައެޅުންތަކެއް ލިބިނު ނަމަވެސް ޗެލްސީ އަކީ އަހަރެން ހޯމް އަދި ފައިސާ އަކީ ހުރިހާ އެއްޗެއް ނޫން. އަހަރެން ބޭނުންވަނީ ޗެލްސީ އާއިއެކު އިތުރު ކާމިޔާބީތަކެއް ހޯދަން." ރީސް ޖޭމްސް ބުންޏެވެ.