ޚަބަރު

ވެސްޓްހޭމް މެޗަކީ ލީގު ހޯދުމަށް މުހިންމު މެޗެއް: ގަޑިއޯލާ


އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ވެސްޓްހޭމް ޔުނައިޓެޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅޭ މެޗަކީ ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު މެޗެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގަޑިއޯލާ ބުނެފައިވަނީ ލީގު ހޯދުމުގެ ފުރުސަތު އަދިވެސް އެ ކްލަބަށް އެބައޮތް ކަމަށާއި ނަމަވެސް މި މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ.

"ލީގު ހޯދުމުގެ ފުރުސަތު އަދިވެސް މި ކްލަބަށް އެބައޮތް. ނަމަވެސް ވެސްޓްހޭމް މެޗުން ޕޮއިންޓް ގެއްލިއްޖެނަމަ ލީގު. ހޯދުމުގެ ފުރުސަތު އަހަރުމެންނަށް ގެއްލޭނެ." ޖެހިޖެހިގެން ހަތަރު ފަހަރު ސިޓީ އަށް ޕްރިމިއާ ލީގު މީގެ ކުރިން ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ގަޑިއޯލާ އިތުރަށް ބުނެފައިވަނީ ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ވާދަވެރި އަދި ކާމިޔާބު ކުރަން އެންމެ އުނދަގޫ ލީގު ކަމަށާއި އެހެންކަމުން މިވަގުތު އެ ޓީމުގެ ހުރިހާ ވިސްނުމެއް ހުރީ ވެސްޓްހޭމް އަތުން ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ.

މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާ ވެސްޓްހޭމް ޔުނައިޓެޑް އޮތީ ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ. ނަމަވެސް ލީގުގައި އެންމެ ފަހުން ވެސްޓްހޭމް ޔުނައިޓެޑް ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

ގަޑިއޯލާ އިތުރަށް ބުނެފައިވަނީ ވެސްޓްހޭމް އިން މި މެޗަށް ނިކުންނާނީ ރެލިގޭޝަން ޒޯނުން ސަލާމަތްވުމުގެ އުންމީދުގައި މޮޅުވުމަށް ކަމަށާއި ނަމަވެސް ސިޓީގެ ވިސްނުން ހުރިހާ ގޮތަކުން ވެސް މި މެޗަށް ތަފާތު ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ރެއާލް މެޑްރިޑާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވިއިރު ބައެއް ފަރާތްތަކުން ޓީމު ނަގާފައިވާ ގޮތަށް ފާޑު ކިޔާފައިވާއިރު އެއީ ފުޓްބޯޅައިގައި އާންމު ކަމެއް ކަމަށެވެ.

"އެއީ ފުޓްބޯޅައިގައި އާންމު ކަމެއް. މޮޅުވެއްޖެ ނަމަ އެއީ ވަރަށް މޮޅަށް ޓީމު ނަގާފައިވާތީ އަދި ބަލިވެއްޖެނަމަ އެއީ ގޯސް ޓީމެއް ނެގުމުން." ގަޑިއޯލާ ބުންޏެވެ.