ޚަބަރު

ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ


  • ގެއްލިގެން ހޯދީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް

  • އޭނާ ކަނޑުމައްޗަށް ނިކުތީ ރޭ ފަތިހުގެ ވަގުތެެއްގައި

  • އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 ކަންހާއިރު

  • އޭނާގެ ޙާލު ރަނގަޅު

ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުންދިޔައީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލްއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގެ ކައިރިން ކަމަށެވެ. އަދި އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށްކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 20:48 ހާއިރެވެ. އަދި އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ ރޭ ފަތިހުގެ ވަގުތެެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި ދަތުރަށް، ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޤްބާލް ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، މިކަމުގައިއެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރު އަދާކޮށްފައެވެ.