ހެޔޮމަރަކުން މަރުވި ކަމުގައިވިޔަސް، ދަރަންޏެއް އޮތުމަކީ އެމީހަކު ސުވަރުގެ ވަނުމަށް އޮތް ހުރަހެއްކަމުން، ދަރަންޏާ މެދު ސަމާލުވުމަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ގޮވާލައްވައިފިއެވެ.
ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް މިފަދައިން ގޮވެއްލީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އިޙްޔާ ފޯރަމުގައި "ދަރަނިވެރިވުމާއި، އިސްރާފުކުރުން: މާލީ މިނިވަންކަމަށް އިސްލާމީ ޙައްލު" މި މަޢުޟޫއަށް ވާހަކަދައްކަވަމުންނެވެ.
ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ތަޤުރީރުގައި ވަނީ، އިސްލާމްދީނުގައި އިސްރާފްކުރުމާއި ދަރަނިވެރިވުމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކިތަންމެ ހެޔޮ މަރަކުން މަރުވި ކަމުގައިވިޔަސް، ދަރަންޏެއް އޮތުމަކީ އެމީހަކު ސުވަރުގެ ވަނުމަށްއޮތް ހުރަހެއްކަމަށް ވިދާޅުވިއެވެ.
މާތްﷲ އެކަލާނގެ އިލާހީ ޙިކުމަތުގެ ތެރެއިން، އެކި މީހުންނަށް އެކި މިންވަރަށް މުދާ ބައްސަވާކަން ފާހަގަކުރައްވާ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ފަހަރަކު މުދާ ދެއްވަނީ އެންމެ ބުއްދިވެރިޔާއަށް ނޫންކަމަށެވެ.
"މާތްﷲ އެކަލާނގެ އިލާހީ ޙިކުމަތެއްގެ ތެރެއިން މުދާ މިހިރީ، އެކި މީހުންނަށް އެކިވަރަށް ބައްސަވާފަ. މިއީ އެމީހާގެ މޮޅުކަމަކުން ވާކަމެއް ނޫން. ސަބަބު ކޮންމެ ކަމަކަށްވެސް އޮވޭ. އެހެންނަމަވެސް ހުރިހާ ފަހަރަކު މުދާ ދެއްވަނީ އެންމެ ބުއްދިވެރިޔާއަކަށް ނޫން. އެންމެ ކުޅަދާނަ މީހާއަކަށް ނޫން. ﷲތަޢާލާގެ ބެއްސެވުން އެކަލާނގެ އިރާދަކުރެއްވި މީހަކަށް އިރާދަކުރެއްވި ވަރަކަށް އިރާދަކުރެއްވި ވަގުތަކަށް މުދަލާއި ފައިސާ ދެއްވާ". ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ.
އެއްވެސް ހާލެއްގައި މުދާ އިސްރާފްކުރުމަކީ އެއްވެސް މާނައެއްގައި ދީން ހުއްދަކުރާކަމެއްނޫންކަން ފާހަގަކުރައްވާ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، ބައެއްމީހުންގެ އަތަށް ފައިސާއެރުމުން، އޭގެން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭކަމަށެވެ. އަދި ހެޔޮކަންކަމުގެ ބަދަލުގަ ނުބައި ކަންކަމަށް އެ ފައިސާ ޚަރަދުކުރުމަކީ މުޖުތަމަޢުގައި މިހާރު އާންމުކަމެއްކަމަށެވެ.
މާތް ﷲ އެންމެ ރުހިވޮޑިނުގަންނަވާ 3 ކަންތަކުގެ ތެރޭގައި މުދާ އިސްރާފްކުރުމާއި، ބޭކާރުކުރުން ހިމެނޭކަން ފާހަގަކުރައްވާ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، ދުނިޔޭގެ ދިރިއުޅުމުގެ ކަންކަން އިންތިޒާމްކުރަމުންދާއިރު، މިކަމަށް ވަރަށް ބޮޑަށް ވިސްނާލަންޖެހޭކަމަށެވެ. އަދި މުޖުތަމައަށް ދިމާވެފައިވާ މި މައްސަލައިގެ އިސްލާމީ ހައްލަކީ، އިސްރާފުކުރުމުން ދުރުހެލިވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުން ބިނާކުރުމާއި، ތިމާއަށް ލިބޭ މިންވަރަކުން ފުދިގެން އުޅުމާއި ލިބުނު އެއްޗަކުން އުޅެން ދަސްކުރުންކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމްދީނުގައި ބޮޑަށް ބާރުއަޅަނީ ފުދުންތެރި ދިރިއުޅުމެއް ދިރިއުޅުމަށްކަމަށާއި، އެފަދަ ދިރިއުޅުމަކަށް މި ރަމަޟާންމަހު ޢަޒުމް ކަނޑައެޅުވުމަށް ގޮވާލެއްވިއެވެ.