ޚަބަރު

ގަލްފުގެ ޤައުމުތަކަށް އިތުރު ޙަމަލާތަކެއް، އދގެ ކަންބޮޑުވުން


އީރާނުން ގަލްފުގެ ޤައުމުތަކުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ސަރަޙައްދީ ބިނާރުތަކަށް ދެމުންގެންދާ ޙަމަލާތައް ވަރުގަދަކޮށްފައިވާތީ، އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލާ ޤަރާރެއް ފާސްކޮށްފިއެވެ. ފާއިތުވި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބަޙްރަޔިންގެ ތެޔޮ ރައްކާކުރާ ގުދަންތަކަށް ހަމަލާދީފައިވާއިރު، މާރިޗު 11ވަނަ ދުވަހު ޢުމާންގެ ބަނދަރުމަތީ ރަށް، ޞިލާލަތުގައި ހުރި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް ވެސް ޑްރޯން ޙަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ.

މީގެ އިތުރުން، ހުރްމުޛް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އީރާނުން ދިން ޙަމަލާއެއްގައި ތިން ފަޅުވެރިއަކު ގެއްލިފައިވާއިރު، ޢުމާންގެ ކޯސްޓުގާޑުން ވަނީ 20 މީހަކު ސަލާމަތްކޮށްފައެވެ. ޢީރާނުން ބުނީ، މި ޙަމަލާތަކަކީ ފެބްރުއަރީ 28 ގައި އެމެރިކާއާއި ޔަހޫދީ ދައުލަތުން އެ ޤައުމާ ދެކޮޅަށް ފެށި ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން ދިފާޢުގައި ދޭ ޙަމަލާތަކެއް ކަމުގައެވެ. ދުނިޔޭގެ ތެލުގެ %20 ސަޕްލައި ހުރްމުޛް ކަނޑުއޮޅިން ދަތުރުކުރާއިރު، އީރާނުން ވަނީ އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންނަށް އެ ސަރަޙައްދުން ދަތުރު ނުކުރެވޭނެ ކަމުގެ އިންޒާރު ދީފައެވެ.

ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް އދގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފައި ވަނީ އެ މަޖިލީހުގައި ހިމެނޭ 15 މެންބަރުންގެ ތެރެއިން 13 ޤައުމެއްގެ ތާޢީދާ އެކުގައެވެ. ޗައިނާއާއި ރަޝިއާއިން ވަނީ ވީޓޯގެ ބާރު ބޭނުންކުރުމުގެ ބަދަލުގައި ވޯޓުގައި ބައިވެރިނުވެފައެވެ. މި ޤަރާރަކީ އދގެ ތާރީޚުގައި ވެސް އެންމެ ގިނަ ޤައުމުން ކޯ-ސްޕޮންސަރ ކޮށްފައިވާ ޤަރާރެވެ. ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ފަރާތުން ހުށަހަޅާފައިވާ މި ޤަރާރު 135 ޤައުމަކުން ކޯ-ސްޕޮންސަރ ކޮށްފައިވެއެވެ.

އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރު ސަޢީދު އިރްވާނީ ސިފަ ކުރެއްވި ގޮތުގައި މިއީ ވަރަށް "ބޭއިންސާފުން" ފާސްކޮށްފައިވާ ޤަރާރެކެވެ. އަދި، ޤަރާރު ފާސްކުރުމުގެ އަމަލާ އެކު ސަލާމަތީ މަޖިލީހުގެ އަބުރަށް އުނިކަން ލިބިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަ ކުރައްވާފައިވާ ފަދައިން، އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އީރާނުގެ ޢާންމު ރައްޔިތުން ޝަހީދު ކުރަމުން ދަނީ އެމެރިކާއާއި ޔަހޫދީންނެވެ. ޗައިނާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޮޮންގ ޖަން ވިދާޅުވީ، އެމެރިކާއާއި ޔަހޫދީން ފަށާފައިވާ މި ހަނގުރާމައަކީ އެއްވެސް ޤާނޫނީ އަސާސެއް ނެތް ހަނގުރާމައެއް ކަމުގައެވެ. އަދި، މަސްރަޙް އިތުރަށް ގޯސްވިޔަ ނުދީ، އެމެރިކާއާއި ޔަހޫދީންގެ ޙަމަލާތައް ހުއްޓައިލުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.

އިރްވާނީ ވިދާޅުވީ، އެމެރިކާއާއި ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ އަދަދު 1,348އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 17,000އަށް އަރާ ކަމުގައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި މިނާބްގައި ހުރި އަންހެން ކުދިންގެ މަދަރުސާއަކަށް ބޮންއަޅައި ޝަހީދުކޮށްލި 170އެއްހާ ކުޑަކުދިން ހިމެނެއެވެ. އެ މަދަރުސާއަށް ޙަމަލާ ދިނީ އެމެރިކާއިން ކަމުގައި ބެލެވޭނެ ގިނަ ހެކިތަކެއް ފެނި، އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ އެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.